ސިޔާސީ

ރައީސްގެ އަނބިކަނބަލުންގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން- ދުންޔާ


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.ވޮއިސް އޮފް އެމެރިކާގެ ސައުތު އީސްޓް އޭޝިޔާ އެޑިޝަންއަށް ދެއްވި އިންޓަރވިއުއެއްގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ މައިބަދައަށް ގެއްލުންވެފައިވާކަމަށެވެ.އެހެންނަމަވެސް ހޮސްޕިޓަލްގައި މިހާރު ދެމުންދާ ފަރުވާޔާއެކު އިތުރު ސާރޖަރީއެއް ހައްދަވަންނުޖެހޭކަން ފޮރިން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން މިހާރު ހޮސްޕިޓަލްގައި ބެޑްރެސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަރާމުކުރައްވަމުން ގެންދަވާކަމަށާއި، އެކަމަނާއަށް މިހާރު ކޮންމެވެސް ވަރަކަށް ހިންގަވާ އުޅުއްވޭކަމަށް ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވިއެވެ. ރައީސްގެ ލޯންޗްކޮޅުގައި ދެވުނު ހަމަލާއާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ދުންޔާ ވިދާޅުވީ، މިކަން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި، ތަހްގީގު ޓީމުން މިކަމާ ގުޅޭ  މަޢުލޫމާތެއް ހާމަ ކޮށްފައިނުވާއިރު، މިކަމާމެދު ވަކިއެއްޗެއް ދެންނެވުމަކީ ރަނގަޅު ކަމަކަށް ނުވާނެކަމަށެވެ. އެހެންނަމަވެސް، ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު، މިހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރެވެމުން ދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއީ، ގަސްތުގައި ބަޔަކު ރާވައިގެން ކުރި ކަމެއްކަމަށް ބެލެވޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.ރާއްޖޭގައި ދީނީ ހަރުކަށި ފަރާތްތަކުގެ ހަރަކާތްތަކާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ފޮރިން މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެ މެދުމިނުގައި ހިފަހައްޓާ ރައްޔިތެއް ދިރިއުޅޭ މުސްލިމް މުޖުތަމަޢެއް ކަމަށެވެ. އަދި ފަހަކަށް އައިސް ހަރުކަށި ހިޔާލުގެ މަދު ބަޔަކު އުޅުނު ނަމަވެސް ސަރުކާރުން މިފަދަ ފަރާތްތަކުގެ ހަރަކާތްތަކަށް ބަލާ އެފަދަ ފަރާތްތައް ހަރުކަށި ހިޔާލްތަކާ ދުރުކުރުވުމަށް ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ޒުވާން ކުދިން ސޫރިޔާއާއި ޔަމަން ގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދާދިއުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވިދާޅުވިއެވެ.