ދުނިޔޭގެ ވިޔަފާރި

ފިއްތުންތައް ބޮޑުވެ، އެމެރިކާގެ އައު ރިލީފް ޕެކޭޖް ތަސްދީޤްކޮށްފި


ފިއްތުންތައް ބޮޑުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެޤައުމުގެ އައު ރިލީފް ޕެކޭޖް ތަސްދީޤްކުރައްވައިފިއެވެ.

ކޯވިޑް ރިލީފް ޕެކޭޖަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުނުންފުޅުވާ ބަދަލުތައް ގެނައުމަށް ޤާނޫނު ހަދާ މަޖިލީހަށް ފޮނުވުމުން އެކަމަށް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ރިލީފް ޕެކޭޖްއަށް ބަދަލު ނުގެނެސް ތަސްދީޤްކުރުމަށް ރައީސް ޓްރަމްޕަށް ދިޔައީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އައު ރިލީފް ޕެކޭޖް ތަސްދީޤްކުރެއްވިކަން ހާމަކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ "އުފާވެރިކަމުގެ" ޚަބަރު ޓުވީޓްކުރައްވާފައެވެ. މިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްްޕް ވަނީ ބިލް ތަސްދީޤްކުރިއަސް އެމަނިކުފާނުގެ ޑިމާންޑްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ބިލްގައި ހުރި ބޭކާރު ޚަރަދުތައް ކުޑަކޮށް ރައްޔިތުންނަށް ސީދާ ދޭ އެލަވެންސް އިތުރުކުރުމަށް ރައީސް ޓްރަމްޕް ޝަރުތުކުރެއްވިއެވެ. އެގޮތުން ބޮޑެތި މީހުންނަށް ދޭ އެލަވެންސް ދެހާސް ޑޮލަރަށް އިތުރުކޮށް ކުޑަކުދިންގެ އެލަވެންސް 600 ޑޮަލަރަށް ހެދުމަށް ޝަރުތުކުރެއްވިއެވެ. އެހެންނަމަވެސް މިކަމުގައި އަމަލުކުރާނެގޮތެއް ޤާނޫނު ހަދާ މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ކޯވިޑް ރިލީފްގެ އައު ޕެކޭޖް ފާސްކުރުން ލަސްވުމާއި ގުޅިގެން، މިއަހަރުގެ މެދުތެރޭ ސަރުކާރުން ފާސްކުރި ރިލީފް ޕެކޭޖްގެ އިނާޔަތްތަކުގެ މުއްދަތު ހަމަވާން މިވަނީ ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ މުއްދަތު ހަމަވެފައި ވަނީ ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ އިނާއަތުގެ ޕެކޭޖުންނެވެ. މި ޕެކޭޖްގެ މުއްދަތު ހަމަވުމުން ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ވަނީ އާމްދަނީއެއް ނުލިބި ގޮތް ހުސްވެފައެވެ. މި ޕެކޭޖްގެ މުއްދަތު ހަމަވުމުން 9.5 މިލިއަން މީހުންނަށް ސީދާ އަސަރުކުރިކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 892 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖާއެކު ސަރުކާރުގެ ޚަރަދުކުރުމަށް 1.4 ޓްރިލިއަން ޑޮލަރުގެ އިތުރު ބަޖެޓެއް ވަނީ ހިމަނާފައެވެ. މި ބިލްއަކީ އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ސަފްޙާގެ އެކުލެވޭ ބިލެވެ. އެގޮތުން މި ބިލްގައި ފަސްހާސް ފަސްސަތޭކަ ނުވަދިހަ ތިން ޞަފްޙާ ހިމެނެއެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.

ކޯވިޑްގެ އައު ރިލީފް ޕެކޭޖް ފާސްކުރުން ލަސްވާވަރަކަށް އެމެރިކާގެ އިޤްތިޞާދަށާއި އާންމު ރައްޔިތުންނަށް ކުރާ އަސަރު ބޮޑުވެ، އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ މި ބިލް ފާސްކުރުމަށްފަހު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިތުރު 1.4 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކުރުމަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ.