ޚަބަރު

އައު ޤާނޫނުން ފުލުހުން ޖަވާބުދާރީކުރުމަށް މިދިޔަ 87 އަހަރުގެ ތެރޭގައި ނުލިބޭ މިންވަރަށް ޖާގަލިބޭނެ: ސީޕީ


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ފުލުހުން ޖަވާބުދާރީ ކުރުމަށް މިދިޔަ 87 އަހަރުގެ ތެރޭގައި ނުލިބޭ މިންވަރަށް ޖާގަދީފައިވާކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"އަވަށްޓެރި ފުލުހުންގެ ޚިދުމަތް" އަޕަރ ސައުތް ޕޮލިސްގައި ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކީ ފުލުހުންގެ މުއައްސަސާއަށް އަންނާނެ އެންމެ ބޮޑު ބަދަލަކަށް ވެގެންދަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ދިނުންކަމަށެވެ. ޤާނޫނާއެކީ ކައުންސިލްތަކާއި، އާންމު ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާ ގޮތެއްގައި އަތޮޅު ތެރޭގައި ދެވިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ ތަސްދީޤު ކުރެއްވި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި އަތޮޅުތެރޭގައި ފުލުހުންދޭ ޚިދުމަތް ލާމަރުކަޒީ އުސޫލުން ދިނުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވޭ. އެގޮތުން އަތޮޅުތެރޭގައި ޤާއިމް ވެފައިވާ ފުލުހުން ދެމުންދާ ޚިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިޤާނޫނުން ފަހިވެގެންދޭ. ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބު ދާރީ ކުރުވުމަށް ފުލުހުންގެ ޚިދުމަތުގެ ވޭތުވެދިޔަ 87 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން ލިބިފައި ނުވާ މިންވަރަށް މިޤާނޫނު ޖާގަ ހޯދައިދޭ" ސީޕީ ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި ޤާނޫނުގެ ދަށުން ރައްޔިތުން ބައިވެރިވުމާއި އެކު އެކުލަވާލެވޭ ފުލުސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޖަވާބުދާރީ ކުރުމަށް ފުރުސަތު ފަހިވާނެ ބޯޑެއް ކަމަށެވެ. އަދި ޤާނޫނުން ލާޒިމްކުރާ ކައުންސިލްތަކާއި، އަތޮޅުގެ މުއައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ލަސްތަކެއް ނުވެ ފައްޓަވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

އަވަށްޓެރި ފުލުހުންގެ ޚިދުމަތް އަޕަރ ސައުތް ޕޮލިސްގައި ފަށްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނާއި ގުޅިގެން ކުރުމަކީ ރައީސް ޞާލިހުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. މިއަދު އަތޮޅު ތެރޭގައާއި މާލޭގައިވެސް އަމާންކަން ގާއިމްކުރުމަށް ފުލުހުން ދެމުގެންދާ ޚިދުމަތްތަކުން ނަތީޖާ ފެންނަމުންދާކަމަށެވެ. ޤައުމުގެ އަމާންކަން ޤާއިމްކުރުމަކީ ހަމައެކަނި ފުލުހުންގެ މަސްއޫލިއްތެއް ނޫންކަމަށާއި، މިއީ ކޮންމެ ރައްޔިތެއްގެ ކޮޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވަނީ ދިވެހި ފުލުހުން ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް މާލެއާއި އަތޮޅު ތެރޭގައި ދައްކަވަމުންދާ އެއްބައިވަންތަކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މިއަދު ގއ.އަތޮޅުގައި ފެށިގެންދާ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅިގެން ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަމެއްކަމަށް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.