ޚަބަރު

އޭދަފުށީ ރިވެޓްމަންޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ކުރިޔަށްގެންދާ ރިވެޓްމަންޓް ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.އަމިއްލަ ކުންފުންޏެއްކަމަށްވާ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބަނދަރުގެ 857 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑު ހިލަ ޖަހާފައިވާކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިމަސައްކަތަށް ސަރުކާރުން 22 މިލިޔަން ރުފިޔާ ހަރަދުކުރިކަމަށްވެސް ކައުންސިލުން މައުލޫމާތުދެއްވައެވެ.އޭދަފުށީ ހިއްކި ބިމުގައި ރިވެޓްމަންޓްޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް މިދިޔަ އޯގަސްޓްމަހު އެމްޓީ ހޯގާޑް ކުންފުނިން ވަނީ ފަށާފައެވެ. އެހެންނަމަވެސް މި މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ނުލިބުމުގެ ސަބަބުން އެ މަސައްކަތް މެދު ކެނޑިފައި އޮންނަތާ މިހާރު މަހެއްހާ ދުވަސްވެފައިވާކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ.ބިންހިއްކުމަށް ސަރުކާރުން 2014 ވަނަ އަހަރު ކުރިޔަށްގެންދިޔަ މަޝްރޫއުގެ ދަށުން އޭދަފުށީގެ ފަޅުން 26 ހެކްޓަރު ބިން ހިއްކާފައިވެއެވެ. އަދި އެސަރަހައްދު ވަށައިގެން 2000 މީޓަރަށްވުރެ ދިގު ރިވެޓްމަންޓެއް ޖެހުމަށް ދެކުންފުންޏަކާއި ވަނީ ހަވާލުކޮށްފައެވެ.