ޚަބަރު

ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ ބައިވެރިވުމާއެކު ތަރައްޤީގެ ހަރުފަތްތައް ގިރާކުރުން - ނައިބު ރައީސް


ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްޤީ ހަރުފަތްތައް ގިރާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލާއި، ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ، އެ އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލާއި، ވިލިނގިލީ ރަށު ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލާއި ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުން ވަނީ، އެކި ދާއިރާތަކުން އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. އެގޮތުން އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާއި، ދަތުރުފަތުރުގެ ނިޒާމު ރޭވިފައިވާ ގޮތުން ކުރިމަތިވާ އުނދަގޫތަކާއި، ފެނާއި ނަރުދަމާ ފަދަ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ.

މީގެ އިތުރުން ވެސް، ތަޢުލީމީ ދާއިރާއާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމާއި، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި ޒުވާނުންނާއި އަންހެނުންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެ މީހުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އަތޮޅާއި ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، ތަޢުލީމާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު، އެ ދާއިރާތަކުގެ ތަރައްޤީއަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.