ވިޔަފާރި

އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު 3000 އަށްވުރެ މައްޗަށް


އެވްރެޖްކޮށް މިހާރު ކޮންމެ ދުވަހަކު ރާއްޖެއަށް 3085 ފަތުރުވެރިން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ. އަދި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް 3000އަށްވުރެ ފަތުރުވެރިން އަންނައިރު، މިދިޔަމަހާ އަޅާބަލާއިރު މިއީ 3 ގުނަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޮކްޓޯބަރުމަހު މި އަދަދު ހުރީ 694 ގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 83299 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ މަހާ އަޅާ ބަލާއިރު 133 އިންސައްތަ އިތުރުއަދަދެކެވެ. މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 35759 ފަތުރުވެރިންނެވެ.