ވިޔަފާރި

ފަތުރުވެރިކަމުގެ އާ ރެކޯޑެއް، މިފަހަރު 6000 އަށްވުރެ ގިނަ ފަތުރުވެރިން


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަަޢުސޫމް ވިދާޅުވެއްޖެއެވެ.

އިއްޔެ ރާއްޖެއަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އައިސް އާ ރެކޯޑެއް ވަނީ ޤާއިމްކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓަރ ވަނީ މިކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާއާއި ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ރާއްޖެއަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މިއަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް ކުރިން ވަނީ ލަފާކޮށްފައެވެ.

ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންދާ އެއަރލައިންތައް އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 318 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހު މި އަދަދު ވަނީ 694އަށް އަރާފައިވާއިރު، ނޮވެމްބަރުމަހު އެވަރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ. އަދި މިމަހު މިއަދަދުވަނީ 2972 އަށް އަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7628 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި އޮކްޓޫބަރުމަހު 21515 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 77262 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރި 35759 ފަތުރުވެރިންނާ އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.