ޚަބަރު

އައްޑޫ ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އަލުން ހުޅުވާލާނީ


އައްޑޫ ފްލައިންސްކޫލް ހިންގުމުގެ އެއްބަސްވުން އާކުރުމުގެ ބަދަލުގައި އަލުން ބީލަމަށް ހުޅުވާލަން ނިންމަވާފައިވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ވިދާޅުވެއްޖެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އައްޑޫ ފްލައިން ސްކޫލާ ގުޅުންހުރި ކަނބޮޑުވުންތަށް ބެއްލެވުމަށް މިހާރު އައްޑުއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި އޭއައިއޭގެ މެނޭޖިންގ ޑިރެކްޓަރ ޤައިސް ނަސީރު ވިދާޅުވީ ފްލައިން ސްކޫލް ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖުލައިމަހަށް ހަމަވާނެކަމަށެވެ. އެއާއެކު މި އެއްބަސްވުން އާކުރުމުގެ ބަދަލުގައި މިހާރު ނިންމަވާފައިވަނީ ފްލައިން ސްކޫލެއް ހިނގުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިހާރު މިހިންގާގޮތަށް ދިގުމުއްދަތެއްގައި ފްލައިން ސްކޫލު ހިންގާނަމަ އެއަރޕޯޓަށް ގެއްލުންވާނެ ކަމަށެވެ. މީގެއިތުރުން 2019ވަނަ އަހަރު ފްލައިން ސްކޫލް ހިންގުމަށް ވެފައިވާ އެއްބަސްވުމުގެމުއްދަތު އަންނަ އަހަރުގެ ޖުލައި މަހަށް ހަމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މީގެކުރިންވެސް 2 ފަހަރެއްގެ މަތިން އައްޑޫގައި ފްލައިން ސްކޫލެއް ހިނގާނެ ބަޔަކު ހޯދުމަށް އިޢުލާންކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީން ވަނީ ފްލައިން ސްކޫލުގެ މައްސަލާގައި އެއާޕޯޓާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އެކިކަންކަން އޮޅުން ފިލުވާފައެވެ. އަދި އައްޑޫ ފްލައިން ސްކޫލުގެ އެއްބަސްވުމުގައިހުރި ކަންކަމާ ގުޅޭގޮތުންވެސް މެންބަރުން ވަނީ މައުލޫމާތު ސާފު ކުރައްވާފައެވެ.

މިދަތުރުގައި ކަމާގުޅުންހުރި އިދާރާއަކާއި ފްލައިން ސްކޫލުގެ ދަރިވަރުންނާއިވެސް ކޮމިޓީން ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އެކޮމެޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.