ޤާނޫނަށް އިސްލާޙު ގެނެސްގެން ނޫންގޮތަކަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކުރިއަށް ގެންދެވިދާނެކަމަށް ނުބެލެވޭކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގައިވާގޮތަށް އަންނައަހަރުގެ މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުން ރަނގަޅުނޫންކަމަށް ސިއްޙީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އިންތިޚާބު ބެއްވޭނެ ކަމާމެދު ސުވާލު އުފެދިފައި ވީނަމަވެސް އެކޮމިޝަނުން އިންތިޒާރު ކުރަމުންދަނީ މިފެށޭ ޖެނުއަރީ މަހުގެ 5ވަނަ ދުހަށް ކަމަށެވެ. އެހާތަނަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފިނަމަ މިހާރު ކުރައްވަމުން ގެންދަވާ ތައްޔާރީތަކާއެކު އިންތިޚާބު ބޭއްވިދާނެ ކަމަށެވެ.
"މީގެ އަސްލު ޙައްލަކީ ޤާނޫނަށް އިސްލާޙު ގެނައުން އިނގޭތޯ. ޤާނޫނަށް އިސްލާޙު ގެނެސްގެން ނޫންގޮތަކަށް ހިއެއްނުވޭ ދެން މިއިންތިޚާބު ކުރިއަށް ގެންދެވޭނެހެން މިހާރު. އެކަމަކު އަޅުގަނޑުމެން މިއިންތިޒާރުކުރަނީ ޖެނުއަރީ 5ވަނަ ދުވަހަށް." ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާޢީލް ހަބީބް މިއަދު ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބު ފަސްކުރުމަށް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު އަލުން އިސްލާހުކުރަން އެދިވަޑައިގަންނަވާކަމުގައެވެ.
މިކަމާގުޅިގެން ވަކިގޮތެއް އިލެކްޝަންސް ކޮމިޝަނުން އަދި ނިންމަވާފައިނުވެއެވެ. ނަމަވެސް އެކޮމިޝަނުގެ ރައީސް މިއަދު ވިދާޅުވީ ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އަދި އުވާލެވެންނެތްކަން އެކޮމިޝަނަށް އެނގުނީ ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔަފަހުންކަމަށެވެ. އޭގެ ސަބަބުން މަޖިލީހުގެވެސް އަދި އެނޫންފަރާތަކާއެކުވެސް ޤާނޫނު އިސްލާޙުކުރުމާއި ގުޅޭ މަޝްވާރާއެއް ކުރެވިފައިނުވާކަމަށެވެ.
މިހާރު ދިމާވެފައިވާ ކަންކަމާ ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެދުގައި މަޝްވަރާކުރެވިފައިވާކަމަށް އެޕާޓީގެ ޕީޖީ ގްރޫޕުންވަނީ ވިދާޅުވެފައެވެ.
ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މިދިޔަ މާޗްމަހުގެ 12ވަނަ ދުވަހު މުޅިރާއްޖޭގައި އިޢުލާންކުރި ޢާއްމުސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އެކިފަހަރުމަތިން އިތުރުކޮށް އަންނަ ޖެނުއަރީމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށްވަނީ އެމުއްދަތު ދަަމަހައްްޓާފައެވެ.