ޚަބަރު

ގޮއިދޫ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ


ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ގެ އަމިއްލަ މަސްލަޙަތު ހިމެނޭ ވިޔަފާރީގެ މައްސަލައަކާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ. 

ޖޭއެސްސީންވިދާޅުވެފައިވަނީ ގޮއިދޫ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރާއި ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ.ގޮއިދޫ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއް ބެލުމުން ތަނާޒުލުނުވެ އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު އެ ޤަޟިއްޔާ ކުރިއަށް ގެންގޮސްފައިވާކަމަށެވެ. 

އަދި އެ ޤަޟިއްޔާ ކުރިއަށް ގެންދިޔުމުގައިވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާގޮތަށް އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު ޢަމަލުކުރި ކަމަށާއި، އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރުގެ މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމަށެވެ.

މި މައްސަލަތައް ތަޙުޤީޤުކުރުމަށް ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި ކޮމިޓީން ނިންމާފައި ވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ އެކުލަވާލާފައެވެ.