ވިޔަފާރި

ބީއެމްއެލް އިސްލާމިކްއިން ގްރީން ފައިނޭންސިންގ ތަޢާރަފްކޮށްފި


ބީއެމްއެލް އިސްލާމިކްއިން ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް އަމާޒުކޮށް ގްރީން ފައިނޭންސިންގ ތައާރަފްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވީ، މިއީ އެނާރޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވަރ ޖެެނެރޭޓް ކުރުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރެވުނު އައު ފައިނޭންސިންގ ފެސިލިޓީއެއް ކަމަށެވެ.

ގްރީން ފައިނޭންސިންގ މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި 12 އިންސައްތައިގެ ރޭޓުގައި 50000 ރުފިޔާއިން ފެށިގެން 500000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.

ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސްއަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ޚަރަދެއްކުރާކަށް ނުޖެހެއެވެ. މީގެއިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަައަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް 10 އިންސައްތައިގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލުން ވިދާޅުވީ މި ފެސިލިޓީއަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ޖުމްލަ ޚަރަދުގެ 15 އިންސައްތަ އަމިއްލައަށް ޚަރަދު ކުރަން ޖެހޭނެ ކަމަށާއި އަދި ފައިނޭންސްކޮށްދޭ އަދަދުގެ 150 އިންސައްތައަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ ކަމަށެވެ. މިފައިނޭންސިންގއަށް އަނބުރާ ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައެޅިފައެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ މި ތައާރަފް ކުރެވުނު ގްރީން ފައިނޭންސިންގއަކީ ތިމާވެއްޓާއި ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ފެސިލިޓީއެއްކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.