ވިޔަފާރި

ވީއައިއޭއަށް އިއްޔެ 90 އަށްވުރެ ގިނަ ފްލައިޓް ޖެއްސި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިއްޔެ 91 ފްލައިޓު ޖައްސާފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ހާމަކުރާގޮތުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން އިއްޔެއާއި މިއަދަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފްލައިޓުތައް އަންނާނެ ދެ ދުވަހެވެ.

އެމްއޭސީލުން ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ އިއްޔެ ރާއްޖެއަށް 91 ފްލައިޓު ޖައްސާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 23 އިންޓަރނޭޝަނަލް ފްލައިޓާއި، 38 ޑޮމެސްޓިކް ފްލައިޓާއި، 4 ކާގޯ ފްލައިޓުގެ އިތުރުން 26 ޕްރައިވެޓު ޖެޓު ކަމަށެވެ.

ހަސަން ވިދާޅުވީ އެހާ ގިނަ އަދަދަކަށް ފްލައިޓުތަކާއި ފަސިންޖަރުން އަންނައިރު އެއަރޕޯޓުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

" އިއްޔެވެސް ޓުއަރ އޮޕަރޭޓަރުން ފާހަގަކުރި މިހާ ބައިވަރު ފަސިންޖަރުންތަކެއް އެއްފަހަރާ، އަންނަ އިރު، ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ހުންނާނެ، އެކަމަކުވެސް އެނަމްބަރާ އަޅާބަލާއިރު، ވަރަށް ސްމޫތުކޮށް އިއްޔެވެސް ދިޔައީ،" ހަސަން ވިދާޅުވިއެވެ.

ހަސަން ފާހަގަކުރިގޮތުގައި ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަހެއް ކަމަށެވެ. އެގޮތުން މިއަދު ރާއްޖެއަށް ހަ ހާހަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަސަން ވިދާޅުވިއެވެ. މިއާއެކު މިއަދު ވެގެންދާނީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނާނެ ދުވަހަށްކަމަށް ހަސަން ވިދާޅުވިއެވެ.

" އަޅުގަނޑުމެން ކިޔާގޮތުންނަމަ ސުޕަރ ސަންޑޭގައި މި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިއަންނަނީ، އެވާގޮތަކީ ޔޫރަޕްގެ ޤައުމުތަކުގެ ވީކްއެންޑު މީ، ވީކް އެންޑަށް އެންމެ ގިނަ މީހުން މި ފުރަނީ، އެހެން ވީމަ ސަންޑޭ އަދި މަންޑޭގައި މިހާ ހަމަބޮލިވަނީ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވިގޮތުގައި ޑިސެމްބަރުމަހު ރާއްޖެއަށް ފްލައިޓުތައް އަންނާނެކަމަށް ކުރިން ލަފާކުރި އަދަދަށްވުރެ އިތުރަށް މިހާރު ރާއްޖެއަށް ފްލައިޓުތައް އޮޕަރޭޓުކުރަމުންދާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަންވެސް ހަސަން ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ އެކަނިވެސް ރާއްޖެއަށް 5290 ފަތުރުވެރިން ވަނީ އައިސްފައެެވެ. މިއީ ފާއިތުވީ ފަސް ދުވަހާއި އަޅާ ބަލާއިރު އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގެ ތެރޭ ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ދުވަހެވެ.