ޚަބަރު

ދައުލަތުގެ މީޑިއާގައި މަސައްކަތްކުރެއްވި 4 ބޭފުޅަކަށް ޝަރަފްވެރި އެވޯޑްތަކެއް


ދިވެހި ދައުލަތުން ދެއްވި ޝަރަފްވެރި 4 އެވޯޑެއް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި މަސައްކަތް ކުރެއްވި 4 ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.

ޝަރަފްވެރި މި އެވޯޑުތައް އެބޭފުޅުންނާއި ހަވަލުކޮށްދެއްވީ މިކަމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑަކީ ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށް ދިނުމުގެ ޤައުމީ ޚިދުމަތުގައި 58 އަހަރު ހޭދަކުރައްވާފައިވާ ރާއްޖޭގެ އެންމެ ދުވަސްވީ މީޑިޔާއެވެ. މީގެއިތުރުން ޓީވީ މޯލްޑިވްއަކީ ޚިދުމަތުގައި 42 އަހަރު ވެފައިވާ ރާއްޖޭގެ އެންމެ ދުވަސްވީ ޓީވީ ސްޓޭޝަނެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ދައުލަތުގެ މީޑިއާއަށް ޚިދުމަތް ކުރެއްވި ބައެއް ބޭފުޅުން ލިބިވަޑައިގެންނެވި ޝަރަފުތަކުގެ ތެރޭގައި.

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް - (ނ.ދ.ޝ.ޢ) ބަދުރުއްނަޞީރަށް:

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)އަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކޮށްފައިވާ ޢިއްޒަތެކެވެ. ބަދުރުއްނަޞީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1967 ވަނަ އަހަރުގެ ޖޫން މަހު އެ މަނިކުފާނު ރޭޑިއޯ ބްރޯޑްކާސްޓިންގގެ ދާއިރާއާ ގުޅިވަޑައިގަތީ ވުޒާރަތުލް މާލިއްޔާ (ބ)ގެ 2 ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ.

1971 ވަނަ އަހަރު ރޭޑިއޯ ޓެލެވިޜަން ސިންގަޕޫރުގައި ފުރިހަމަ ކުރެއްވި ތަމްރީނާއެކު އެ މަނިކުފާނު ވެވަޑައިގަންނެވީ ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއިން ރާއްޖެއިން ބޭރުން އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވި ބޭފުޅަށެވެ. މީގެ އިތުރުން، ނެދަރލެންޑްސްއާއި އޮސްޓްރޭލިޔާއިން ވެސް އެ މަނިކުފާނު ވަނީ ރޭޑިއޯ ޕްރޮގްރާމް އުފެއްދުމާއި ހުށަހެޅުމާބެހޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައެވެ.

ރޭޑިއޯގެ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި ބަދުރުއްނަޞީރަކީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މި ގޮތުން، 1980 ވަނަ އަހަރު ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމްތަކަށް ގެނެވުނު ބަދަލުތަކާއި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ރޭޑިއޯގެ ސިގްނަލް ލިބޭނެގޮތް ހެދުމަށް ފަށައިގެން ކުރިއަށްގެންދިޔަ ޚާއްޞަ މަޝްރޫޢުގައި އެ މަނިކުފާނު އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ.

28 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި ދާއިރާގައި ޚިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވުމަށްފަހު، 1995 ވަނަ އަހަރު ބަދުރުއްނަޞީރު އެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއެވެ. އަދި، ޕްރައިވެޓް ސެކްޓަރގައި އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އަޑުގައި ކުރިން އަދާކުރެއްވި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާ 2004 ވަނަ އަހަރުގެ އޮކްޓޫބަރުމަހު އަލުން ގުޅިވަޑައިގެންނެވިއެވެ.

ބަދުރުއްނަޞީރަކީ، ދިވެހިރާއްޖޭގައި ކޮމިއުނިޓީ ރޭޑިއޯ ތަޢާރުފުކުރުމާއި، ޒުވާނުންގެ އާބާދީއަށް އަމާޒުކޮށްގެން އެފް.އެމް. ރޭޑިއޯގެ ޚިދުމަތް ތަޢާރުފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން އެ މަނިކުފާނު ވަކިވެވަޑައިގަތީ، 65 އަހަރުވެގެން، 2011 ވަނަ އަހަރުއެވެ. އަދި އެއަށްފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފުރަތަމަ ރައީސްކަން ތިން އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވުމަށްފަހު، ބްރޯޑްކާސްޓިންގްގެ ދާއިރާއާ މުޅިން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ބަދުރުއްނަޞީރަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

ރޭގެ ހަލްފާގައި ޝަރަފްވެރި ކަމުގެ ޤައުމީ އިނާމު ދައުލަތުގެ މީޑިޔަގައި މަސައްކަތް ކުރައްވާ 2 ބޭފުޅަކަށާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެއް ބޭފުޅަކަށްވަނީ ލިބިވަޑައިގެންފައެވެ. ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވޑައިގެންނެވި މޫމިނާ އިބްރަހިމް އަކީ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަށް 38 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދަސްކުރާ އެނައުންސަރެއްގެ ގޮތުން މުއުމިނާ ރޭޑިއޯއާއި ގުޅިވަޑަިއގެން މަސައްކަތް ފެއްޓެވިއިރު ރޭޑިއޯގެ ޚިދުމަތް ފުޅާނުވިނަމަވެސް، ގުޅިވަޑައިގެން ގިނަ ޕްރޮގުރާމުތަކެއް އުފައްދަވައި ހުށަހަޅުއްވަފައިވެއެވެ. މުއުމިނާގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ފުޓުބޮޅަ ކޮމިނެޓްރީ ދެއްވުމުގައެވެ. 14 އަހަރު ފުޓުބޯޅަ ކޮމެންޓްރީ ދެއްވަފައިވާފައިވާއިރު މިއީ ރާއްޖެ ފިޔަވައި ދުނިޔޭގައިވެސް ފުޓުބޯޅަ ކޮމެންޓްރ ދެއްވި ފުރަތަމަ އަންހެން ކޮމަންޓޭޓަރެވެ.

ޝަރަފްވެރި ކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި މުހައްމަދު މަނިކަކީ ވިޒުއަލް އާޓްސްގެ ދާއިރާގައި 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޓީވީއެމްގެ ކެމެރާމަނެއްގެ ވަޒީފާއިން މިދާއިރާއަށް ނިކުންނަވައި އެތައް ކެމެރާމަނުންނެއް ވަނީ ތަމްރީން ކޮށްދެއްވާފައެވެ. އަދި މަނިކުވަނީ ފިލްމީ ދާއިރާގެ 6 އެވޯޑާއި، ލައފްޓައިމް އެޗީވް އެވޯޑްވެސް ހާސިލްކޮށްފައެވެ. ޞިއްޚީ ހާލަތު ހުރިގޮތުން މިހާރު މަނިކު މަސައްކަތަށް ނުނިކުންނެވި ނަމަވެސް މަނިކުގެ ފަރާތުން އެހީތެރިކަން ލިބުނު ގިނަ ޒުވާނުން މިއަދު ދަނީ މިދާއިރާގައި ޙިދުމަތް ކުރަމުންނެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ދައުލަތުގެ މީޑިޔާގެ މާޒިން މުޙައްމަދު ޒާހިރަކީ 2010 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ރޭޑިއޯގެ ޒަރީއާއިމް މާޒިން ވަނީ ތަފާތު އެކި ޕްރޮގްރާމުތައް ގެނެސްދީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މާޒިންއަށް ވަނީ ނުކުޅުންތެރިކަން ހުންނަ މީހުންނަށް ދޭ ޚާއްސަ އެވޯޑް 2012 ވަނަ އަހަރު ހާސިލްކޮށްފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެކެވެ.