ޚަބަރު

ކޯވިޑް-19ގެ ވެކްސިން ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ޑަބްލިއުއެޗްއޯގެ ތަޢުރީފު


ކޯވިޑް-19ގެ ވެކްސިން ހަމަހަމަކަމާއެކު ރައްޔިތުންނަށް ދިނުމަށް ގެންގުޅޭ އުސޫލުތައް ފާހަގަކުރައްވައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އެދެނޮމް ރާއްޖެއަށް ތަޢުރީފުކުރައްވައިފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ކުރެއްވި ޓުވީޓެއްގައިވަނީ ރާއްޖެއިން ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ލިބެމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. ޓެޑްރޯސް ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް އަށް ފޯނުން ގުޅުއްވައި މުހިންމު ކަންތައްތަކަކާއި ގުޅެގޮތުން ވާހަކަދެކެވުނުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން ވެކްސިން ހޯދުމަށާއި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށް ދިނުމަށް ގެންގުޅޭ އުސޫލުތަކަށް ޓެޑްރޯސްވަނީ ތަޢުރީފުކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއި އެ ޖަމްޢިއްޔާއިން ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައިވާ އޮފީހުގެ ރީޖަނަލް ޑިރެކްޓަރާއި ރާއްޖޭގެ ހެލްތު މިނިސްޓަރވަނީ ރާއްޖެއަށް ވެކްސިން ހޯދުމާ ގުޅޭގޮތުން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ވެކްސިން ފޯރުކޮށްދިނުމުގެ ބައިނަލްއަޤުވާމީ ނިޒާމުގެ ތެރެއިން ވެކްސިން ރާއްޖެއަށް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭއިރު އާބާދީއަށް އެއްކޮށް ބޭނުންވާ ވެކްސިން އެހެނިހެން ގޮތްގޮތުން ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޑަބްލިއު.އެޗް.އޯއިން އަންނަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފަންނީގޮތުންނާއި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ޕީ.ޕީ.އީ އިކުއިޕްމަންޓް ހަދިޔާކުރުމާއި، ބަލީގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގައި އެ ޖަމިއްޔާއިން ވަނީ ބޮޑު އެހީތެރިކަމެއްދީފައެވެ.