ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ވީއައިއޭއަށް އެންމެ ބާރު ބޮޑުވާނީ މިއަދާއި މާދަމާ


ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން އަންނާނެ ކަމަށް ލަފާކުރެވެނީ މިއަދާއި މާދަމާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ހާމަކުރާގޮތުގައި މިއަދާއި މާދަމާ ރާއްޖެއަށް ގިނަ އަދަދެއްގެ ފްލައިޓުތައް އައުމަށް ޝެޑިއުލްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ފަސިންޖަރުން މި ފްލައިޓުތަކުގައި ރާއްޖެއަށް އަންނާނެއެވެ.

މިއަދާއި މާދަމާ އެއަރޕޯޓަށް ގިނަ އަދަދެއްގެ ފަސިންޖަރުން އަންނައިރު، އެމްއޭސީއެލުން ތިބީ އެއަރޕޯޓުގެ އޮޕަރޭޝަންގެ މަސައްކަތްތައް ވީހާވެސް އޮމާންކަމާއެކު ކުރިއަށްގެންދިޔުމަށް ތައްޔާރަށްކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެމްއޭސީލުން ހާމަކުރާގޮތުގައި މިދެދުވަހުގެ ތެރެއިންވެސް މާދަމާ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓަށް އަންނަ ފްލައިޓުތަކާއި އަންނަ ފަތުރުވެރިންގެ އަދަދުވަރަށް ބޮޑަށް އިތުުވެގެންދާނެއެވެ. މިއާއެކު ބޯޑަރު ހުޅުވާލިފަހުން ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އާ ރެކޯޑެއް ހެދުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ އާދިއްތަ ދުވަހުވެސް ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެދުވަހު ރާއްޖެއަށް ފަސް ހާސް ފަސް ސަތޭކަ ފަންސާސް ފަހަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.