ޚަބަރު

ދެއަތޮޅަކުން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސއްކަތްތަކުގެ ތެރެއިން މ.މުއްޔާއި، ހދ.މަކުނުދޫގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން މ. މުލިން މަސްތުވާތަކެއްޗާއެކު 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެމީހާ ހައްޔަރުކޮށްފައިވަނީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެންނެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 00:15 އެހާކަންހާއިރު އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ޑިސެމްބަރު 23 ވަނަ ދުވަހު މަކުނުދޫގައި ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް މަކުނުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި މަސައްކަތުން 50 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ބަނަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި ދެ މައްސަލަ މުލީ ޕޮލިސް ސްޓޭޝަނާއި މަކުނުދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.