ޚަބަރު

ރުގްޔާގެ ނަމުގައި 4 މައިންނަށް އަނިޔާކުރި މީހުންނަށް ދައުވާކުރަން ފޮނުވައިފި


ރުޤްޔާކުރުމުގެ ނަމުގައި ހަތަރު މައިން ގެއެއްގައި ރަހީނުކޮށް އަނިޔާދީ ހަތް އަހަރަުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ ފިރިމިހާއާއި ރުގްޔާކުރުމުގެ ނަމުގައި އެކަމުގައި އުޅުނު 24 އަހަރުގެ މީހެކެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން މި ދެމީހުން ބަންދުގައި ބޭއްތިއްބުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ 24 އަހަރުގެ މީހާވަނީ ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ 3 ދަރިން ގެއެއްގައި ރަހީނުކޮށް އެ އަންހެންމީހާ ބަންދެ އެކިވަރުގެ ޖިންސާމާނީ އަދި ނަފްސާނީ އަނިޔާދީފައެވެ. އަދި އެ އަންހެން މީހާގެ އުމުރުން 7 އަހަރުގެ ކުއްޖާއަށް ރުގްޔާކުރުމުގެ ނަމުގައި މި މީހާވަަނީ ޖިންސީ ގޯނާކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަނެއް މީހަކީ މިކަމުގައި އަނިޔާ ލިބުނު އަންހެން މީހާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ ކުދިންނަކީ މީނާގެ ދޮން ދަރިންނެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން އަންނަނީ ތަހްގީގުކުރަމުންނެވެ.

އުތުރުގެ ރަށެއްގައި އަންހެނަކަށް ރުޤްޔާ ކުރުމުގެ ނަމުގައި ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އެ އަންހެންމީހާ ވަނީ ކިޔާދީފައެވެ. އަދި ރުޤްޔާކުރުމުގެ ނަމުގައި އައި މީހާ މި އަންހެންމީހާގެ 3 ދަރިންނަށްވެސް ޖިންސީ ގޯނާކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވުމާއެކު މިފަދަ މައްސަލަތަކަށް ރައްޔިތުން ސަމާލުވާންޖެހޭކަމަށެވެ. އަދި ކުޑަކުދިންނާގުޅޭ މިފަދަ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ ފުލުހުންނަށް ނުވަތަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.