ވިޔަފާރި

ވީއައިއޭ މެދުވެރިކޮށް، މިމަހު ރާއްޖެއަށް 70،000އަށްވުރެ ގިނަ މީހުން


މިމަހުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް 70899 މީހުން އެތެރެވެފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމަށްފަހު ކޮންމެ މަހަކުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭނުންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެގޮތުން މިމަހުގެ އެއްވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް 2368 މީހުން އެތެރެވެފައިވެއެވެ. އަދި މިމަހުގެ ބައެއް ދުވަސްތަކުގައި 4 ހާހަށްވުރެ ގިނަ މީހުން ރާއްޖެއަށް އައިސްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ މީހުން އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް 5511 މީހުން ވަނީ އެތެރެވެފައިވެއެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 1 އިން ޑިސެމްބަރު 23އާ ހަމައަށް ރާއްޖެއިން 54،839 މީހުންވަނީ ފުރާފައެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ފުރާފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. އެދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއިން 3،978 މީހުންވަނީ ފުރާފައެވެ.
މި އަަދަދުތަކާއި އެކު މިމަހުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭނުންކޮށްފައިވާ މީހުންގެ އަދަދުވަނީ 125998އަށް އަރާފައެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައިމަހުގެ 15ވަނަ ދުވަހު ހުޅުވާލި އިރު ރާއްޖެއަށް ދަތުރުތައް ބާއްވަމުންދިޔައީ މަދު އެއަރލައިންތަކަކުންނެވެ. އެހެން ނަމަވެސް މިހާރު ރާއްޖެއަށް ޝެޑިއުލްދަތުރުތައް ބާއްވަމުންދާ އެއަރލައިންތައް ވަނީ އިތުރުވެފައެވެ. އަދި ރާއްޖެއަށް ދަތުރުތައް ބާއްވަމުންދާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް އޮންނަ ޑިމާންޑު ރަނގަޅުވުމުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރަމުންނެވެ.

ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތައް އިތުރުވަމުން ދިޔުމާއި އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1 ލައްކައަށް އަރާފައިވާއިރު، އެ އަމާޒުވެސް ކުރިން ލަފާކުރި ދުވަހަށްވުރެ ކުރިން ވަނީ ވާސިލުވެފައެވެ.
އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދުވެސް ވަނީ 5 ލައްކަ ހުރަސްކޮށްފައެވެ.