ޚަބަރު

އަންނަ އަހަރު ކުރީކޮޅު ކީކިމިނި އޮޕަރޭޝަނަށް ގެނެވޭނެ: މިނިސްޓަރ ޒަހާ


2021 ވަނަ އަހަރު ކުރީކޮޅު ށ. ކީކިމިނި އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޒަހާ މިގޮތަށް ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ކީކިމިނި އޮޕަރޭޝަނަށް ހުޅުވާލެވިގެންދާއިރު ކީކިމިނީގައި މަސް ގަނެ، މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މަސްފިނިކުރުމަށް ބޭނުންވާ އައިސް ލިބުމުގެ އިންތިޒާމުވެސް އެފެސިލިޓީން ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ށ. ކީކިމިނީގައި ތަރައްޤީކޮށްފައިހުރި ފެސިލިޓީ ހުޅުވުމާއެކު މަސްގަންނަން ފެށި، އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އަންނަ އަހަރު ކީކިމިނީގައި މަސްގަންނަން ފަށާނެކަމަށް. އެއާއެކު އުތުރުގައި މިދިމާވާ މައްސަލަތަށް ހައްލުވެގެންދާނެ. މިހާރުވެސް އެތަނަކީ ހެދިފައި ހުރި ތަނަކަށްވީމަ ބައެއް ކަންތައްތައް ފުރިހަމަކޮށްފައި މަސްގަންނަން ފެށޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި މަސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވާ މިނިސްޓަރ ވިދާޅުވީ ކީކިމިނި އޮޕަރޭޝަނަށް ހުޅުވާލުމާއެކު ފެލިވަރަށް މަސްކިރުމުގައި ދިމާވާދަތިތަކަށް ލުޔެއް ލިބޭނެކަމަށެވެ. ފެލިވަރަށް ލޯޑު ބޮޑުވެ މަސްކިރުމުގައި ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔުމަކީ މަސްވެރިން ފާޅުކުރަމުންދާ ބޮޑު ކަންބޮޑުވުމެކެވެ.

އަންނަ އަހަރު ކުރީކޮޅު ށ. ކީކިމިނި އޮޕްރޭޝަނަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ކުރިއަށްއޮތް 2 އަހަރު ދުވަހުގެ ތެރޭގައި ތ. ފުނާއްޑޫވެސް މަސް ގަނެ ރައްކާކުރާ ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މ. އަތޮޅުގައިވެސް މަސް ގަންނަ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.