އަމިއްލަ ޕާޓީގެ މެމްބަރުން ދެކެ ނުރުހުންވެވަޑައިގެން ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް ތަސްދީޤްކުރުމަށް ފޮނުވި ޑިފެންސް ފަންޑިންގ ބިލް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފިއެވެ.
2021 ވަނަ އަހަރަށް ޤައުމުގެ އަސްކަރީ ކަންކަމަށް ޚަރަދުކުރުމަށް 740 ބިލިއަން ޑޮލަރު ހިމަނައިގެން މި ބިލް ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ ބޮޑު އަޣުލަބިއްޔަތަކުން އަންގާރަ ދުވަހު ވަނީ ފާސްކޮށްފައެވެ.
ޑިފެންސް ފަންޑިންގ ބިލް ވީޓޯކުރިކަން ހާމަކޮށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، މި ބިލް ވީޓޯ ކުރެއްވީ އެމެރިކާގެ އަސްކަރީ ވާދަވެރި ޤައުމު ރަޝިޔާއާއި ވިޔަފާރީގެ ވާދަވެރި ޗައިނާއަށް މި ބިލުން ފައިދާވާގޮތަށް ބައެއް ކަންކަން ހަމަޖައްސާފައި ހުރުމުންކަމަށެވެ. އެގޮތުން އެމެރިކާގެ ބައެއް މިލިޓަރީ ބޭސްތައް ބަދަލުކުރަން ނިންމާފައިވާ ގޮތުން މި ދެ ޤައުމަށް ފައިދާ ވާނޭކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން ޖަރުމަނުވިލާތާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ހުރަސްއަޅާ މި ތަންތަނުގައި ތިބި ސިފައިންނަށް އިތުރު ފަންޑުދިނުމަށް ނިންމުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
ޑިފެންސް ފަންޑިންގ ބިލް ރައީސް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ އަދި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓުގެ އަޣުލަބިއްޔަތު އޮންނަ ރިޕަބްލިކަން ޕާޓީން ބޮޑު އަޤްލަބިއްޔަތަކުން ފާސްކުރުމުން އެކަމާވެސް ރައީސް ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ޓްރަމްޕްގެ މި ނިންމުމަކީ ވަރަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ހިތާމަކުރަންޖެހޭކަމެއްކަމަށް ޑިމޮކްރެޓިކް ހައުސް ސްޕީކަރ ނޭންސީ ޕެލޯސީ ވަނީ ވިދާޅުވެފައެވެ. މި އަމަލުގެ ސަބަބުން ޤައުމުގެ އަސްކަރިއްޔާ ބަލިކަށިވެ އެމީހުންގެ އާއިލާތައް ބިކަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ޑިފެންސް ފަންޑިންގ ބިލް ވީޓޯ ކުރައްވާފައިވާއިރު، ދިގު އިންތިޒާރަކަށްފަހު އެމެރިކާގެ ކޯވިޑްގެ އައު ރިލީފް ޕެކޭޖްގެ ބިލް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ރައީސް ޓްރަމްޕަށް ވަނީ ތަސްދީޤްކުރުމަށް ފޮނުވާފައެވެ.
ކޯވިޑްގެ އައު ރިލީފް ޕެކޭޖްއަކީ 900 ބިލިއަން ޑޮލަރުގެ ބޮޑު ރިލީފް ޕެކޭޖްއެކެވެ. މި ޕެކޭޖް ފާސްކުރުމުން މި ޕެކޭޖް ވެގެންދާނީ މިއަހަރުގެ މާރޗް މަހު ފާސްކުރި 2.3 ޓްރިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖަށް ފަހު އެމެރިކާގެ ތާރިޚުގައިވެސް ފާސްކުރާ އެންމެ ބޮޑު ރިލީފް ޕެކޭޖަށެވެ. މި ޕެކޭޖްގެ ދަށުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހަފްތާއަކު 300 ޑޮލަރުގެ އިނާޔަތެއް ދޭން ނިންމާފައިވާއިރު، އެކި ޝަރުތުތަކަށް ބަލާ މި އަދަދު 600 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޯވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ވިޔަފާރިތަކަށް އައު ސަބްސިޑީތަކެއް ތަޢާރަފްކުރުމާއި ސްކޫލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.