ދުނިޔޭގެ ވިޔަފާރި

މަތިންމަތިންދާ ބޯޓު އުފައްދާ އެންމެ ކާމިޔާބު ކުންފުނީގެ ލަޤަބު އެއަރބަސްއަށް


މަތިންދާ ބޯޓު އުފައްދާ އެންމެ ކާމިޔާބު ކުންފުނީގެ ލަޤަބު ޖެހިޖެހިގެން ދެވަނަ ފަހަރަށް އެއަރބަސްއިން ހޯދައިފިއެވެ.

އެއަރބަސްއިން މިި ލަޤަބު ކަށަވަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ ކުންފުނިން ޔޫއޭއީގެ ޤައުމީ އެއަރލައިން އެމިރޭޓްސްގެ އޯޑަރަށް އުފެއްދި އޭތްރީއެއިޓްޒީރޯ ސުޕަރ ޖަމްބޯ ޖެޓްތައް ޑެލިވަރކުރުމާއިއެކުއެވެ.

ކޯވިޑްގެ ސަބަބުން އެއަރބަސްގެ ވިޔަފާރިއަށްވެސް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ކުންފުނީގެ ވިޔަފާރި ވަނީ 35 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެންނަނަމަވެސް، މި އަޑިއަޅާލުމަކީ އެއަރބަސްގެ އެންމެ ވާދަވެރި ބޮއިންގ ކުންފުނީގެ ވިޔަފާރިއާއި އަޅާބަލާއިރު ކުޑަ ގެއްލުމެކެވެ.

މި ސަބަބަށްޓަކައި ޖެހިޖެހިގެން ދެވަނަ އަހަރަށް އެއަރ ބަސްއިން ވަނީ އެންމެ ކާމިޔާބު މަތިންދާ ބޯޓު އުފައްދާ ކުންފުނީގެ ލަޤަބު ހޯދާފައެވެ. ބޮއިންގ ކުންފުނީގެ ވިޔަފާރި މިއަހަރުގެ ތެރޭގައި 49 އިންސައްތަ ދަށަށް ގޮސްފައިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބަން ވައިގެ ދަތުރުފަތުރު ހުއްޓާލުމުންނާއި، އެމެރިކާގެ ބޮއިންގ ކުންފުނިން އުފައްދާ ބޮއިންގ ތްރީ ސެވަން ތްރީ މެކްސް މަރުކާގެ މަތިންދާބޯޓުތަކުގެ ރައްކާތެރިކަމާމެދު އުފެދިފައިވާ ޝައްކުތަކާއި ގުޅިގެންނެވެ.

އެއަރބަސް ކުންފުނިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެކުންފުނިން ވަނީ 520 މަތިންދާ ބޯޓެއް ޑެލިވަރކޮށްފައެވެ. އަދި މިމަހުގެ ތެރޭގައި އިތުރު 20 މަތިންދާ ބޯޓެއް ޑެލިވަރކޮށް މިއަހަރު ނިންމާލާނީ 560 މަތިންދާ ބޯޓު ޑެލިވަރކުރުމަށް ފަހުކަމަށް އެކުންފުނިން ހާމަކުރެއެވެ. ކޯވިޑްގެ ސަބަބުން ކުންފުނީގެ ވިޔަފާރި އެންމެ ރަނގަޅުވާ ޑިސެމްބަރުމަހު ވިޔަފާރި ގޯސްވުމަކީ އެންމެ ބޮޑު ކަންބޮޑުވުންކަމުގައި އެއަރބަސްއިން ވާހަކަދެއްކި އޮފިޝަލަކު ވަނީ ބުނެފައެވެ. އެގޮތުން އެހެން އަހަރުތަކުގައި ޑިސެމްބަރުމަހު އެކަނިވެސް 100 މަތިންދާ ބޯޓު ޑެލިވަރކުރާއިރު މިއަދަދު މިއަހަރު 20 އަށް ވެއްޓުމަކީ އަންނަ އަހަރުގެ ވިޔަފާރީގެ ސްޓްރެޓަޖީ ބަދަލުކުރަންޖެހޭކަން އަންގައިދޭކަމެއްކަމަށް އޭނާ ބުންޏެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު އެއަރބަސްއިން މަތިންދާބޯޓުތައް ޑެލިވަރކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ކޯވިޑްގެ ސަބަބުން ގިނަ ކާރުޚާނާތަކެއްގެ މަސައްކަތް ބަންދުކުރުމަށްފަހު، އަލުން މަސައްކަތް ފެށުމަށްފަހު އެއަރބަސްއިން އެންމެ ފުރަތަމަ ޑެލިވަރކޮށްފައިވަނީ ޔުގަންޑާ އެއަރލައިންސްއަށެވެ. އެގޮތުން އެ އެއަރލައިނަށް އޭތްރީތްރީޒީރޯ ނިއޯ ޖެޓްގެ 12 ޖެޓް ވަނީ ޑެލިވަރކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި އެ ކުންފުނިން ޔޫއޭއީގެ ޤައުމީ އެއަރލައިން އެމިރޭޓްސްގެ އޯޑަރަށް އުފެއްދި އޭތްރީއެއިޓްޒީރޯ ސުޕަރ ޖަމްބޯ ޖެޓްތައް ވަނީ ޑެލިވަރކޮށްފައެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ ކުންފުނިން ޖަޕާނަށްވެސް މި މަރުކާގެ މަތިންދާ ބޯޓުތަކެއް ޑެލިވަރކުރާނެކަން ވަނީ ހާމަކޮށްފައެވެ.

ޖެހިޖެހިގެން ދެވަނަ އަހަރަށް އެކުންފުނިން އެންމެ ކާމިޔާބު މަތިންދާ ބޯޓު އުފައްދާ ކުންފުނީގެ ލަޤަބު ހޯދާފައިވާއިރު އެކުންފުނިން މިއަހަރުގެ ކުރީކޮޅުވަނީ ކޯވިޑްގެ ގެއްލުން ބޮޑުވެ ކުންފުނި ބަނގުރޫޓުވެ، ގިނަ އަދަދެއްގެ މުވައްޒަފުން މަދުކުރަން ޖެހޭނެކަމުގެ އިންޒާރުވެސް ދީފައެވެ.

އެއަރބަސް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ގުލައުމީ ފައުރީ މިއަހަރުގެ އޭޕްރިލް މަހު ވަނީ ކުންފުންޏަށް އޮތް ގެއްލުން ބަޔާންކޮށް ކުންފުނީގެ 135 ހާހެއްހާ މުވައްޒަފުންނަށް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި ބުނެފައިވަނީ ކުންފުނި މިހާރު ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. އަދި ލިބޭ ގެއްލުން ކުޑަކުރުމަށް ދާދި ފަހުންވެސް ޕްރޮޑަކްޝަން ރޭޓް ތިން ގުނަ މަދުކޮށް މިކަމުން ނުކުންނަ ނަތީޖާ ގާތުން ބަލަމުން ދާކަމަށް އޭރު އޭނާ ހާމަކުރިއެވެ. ނަމަވެސް މިކަމުންވެސް އެންމެ އެދެވޭ ނަތީޖާއެއް ނިކުންނާނެކަމަށް ނުބެލެވޭ ކަމަށް އޭރު އޭނާ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ފުރަބަންދަށް ދިން ލުއިތަކާއެކު ވައިގެ ދަތުރުފަތުރުގެ ސިނާއަތް އަލުން ހުޅުވާލާ ރިކަވަރީ ރޭޓް އަވަސްވެގެން ދިއުމަކީ ކުންފުނީގެ ކާމިޔާބީގެ ސިއްރުކަމަށް ޗީފް އެގްޒެކެޓިވް، ގުލައުމީ ފައުރީ ވިދާޅުވިއެވެ.