ޚަބަރު

މިޔަރު ހަމަލާދިން މީހާގެ ހާލު ރަނގަޅު: ނައިފަރު ހޮސްޕިޓަލް


މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި މީހާގެ ހާލު ރަނގަޅުކަމަށް ނައިފަރު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނައިފަރު ހޮސްޕިޓަލުން ވިދާޅުވީ އެމީހާގެ ކަނާތުފައިގެ ފުންނާބާ ދިމާލުން މިޔަރު ދަތްއަޅާފައިވާކަމަށެވެ. އެހެންނަމަވެސް އޭނާގެ ފައިގެ މައި ނާރަށް ގެއްލުމެއް ވެފައިނުވާކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ހޮސްޕިޓަލުން ވިދާޅުވެއެވެ. އޭނާގެ ޙާލު ރަނގަޅުވަމުން އަންނާތީ މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މަހަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށް މިޔަރެއް ހަމަލާދީ ޒަޚަމްވުމާ ގުޅިގެން ނ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 11:20 ހާއިރުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިޙާދިސާ ހިނގާފައިވަނީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު "ޒިކުރާ" ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތްކުރާ މީހަކަށްކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.