ބ.އޭދަފުށީ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ޤާއިމްކުރި "އަމާންވެށި" މިއަދު ހުޅުވައިފިއެވެ.
އޭދަފުށީގައި މިއަދު ހުޅުވި އަމާން ވެއްޓަކީ ރާއްޖޭގެ 5 ސަރަޙައްދުގައި ޖެންޑަރ މިނިސްޓްރީން ޤާއިމުކުރާ އަމާން ހިޔާތަކުގެ ތެރެއިން ފުރަތަމަ ތަނެވެ.
އަމާން ވެށި ހުޅުވުމަށް މިއަދު އެސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި ތަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢައިޝަތު މުޙައްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި އެސެންޓަރަށް ގެންދިޔަ އާއިލާތަކުގެ ބައެއްކުދިންވެސް ބައިވެރިވިއެވެ.
އޭދަފުށީގައި ހުޅުވި އަމާން ވެއްޓަށް ވިލިމާލޭގައި ހުރި ފިޔަވަތީގައި ތިބި ކުދިންގެ ތެރެއިން 6 އާއިލާއަކަށް ނިސްބަތްވާ 17 ކުއްޖަކު ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން އޭދަފުށީ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ކުރިން ބަލަމުން ގެންދިޔަ ކުއްޖަކާ އެކު ޖުމްލަ 18 ކުދިން މިހުޅުވި އަމާން ވެށީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ފިޔަވަތީގައި ތިބި ކުދިންގެ ތެރެއިން އޭދަފުށީ އަމާން ވެއްޓަށް ގެންދިޔަ ކުދިން މިހާރު ތިބީ އެތަނުގެ ބައެއް މުވައްޒަފުންނާއެކު 10 ދުވަހުގެ ކަރަންޓީންއެއްގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކުރާ އަމާން ވެށިތަކަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަކީވެސް މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ފުރިހަމަ ތަރުބިއްޔަތެއްދީ ބޮޑުވާ ކުދިންނަށް ހެދުމުގެ މަޤްސަދުގައި ޤާއިމްކުރާ ތަންތަން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
އޭދަފުށީގައި ޤާއިމްކުރި އަމާން ވެށި ހަދާފައިވަނީ ދެ ފަންގިފިލާއަށް، ކޮންމެ ދެ ކުއްޖަކަށް ކޮޓަރިއެއް ހުންނަ ގޮތަށެވެ. އަދި މިއިމާރާތުގައި އެކުދިން ކުޅިވަރުކުޅުމަށް ޚާއްސަ ސަރަހައްދަކާއި ލައިބްރަރީ އާއި ޓީވީ އާއި ގޭމް ކުޅޭ ތަނެއްހުންނާނެ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި އިންޓަނެޓް ބޭނުންކުރުމަށް ވަކި ތަނެއް މިއިމާރާތުގައިވަނީ ޤާއިމްކޮށްފައެވެ. އަންހެން ކުދިންނަށާ ފިރިހެން ކުދިންނަށް ބޭނުން ކުރެވޭގޮތައް ވަކިން ފަޚާނާ ހުންނައިރު، ކޮންފަރެންސް ހޯލަކާ ބަދިގެއެއްގެ އިތުރުން ކާގެއެއް އެމަރުކަޒުގައި ޤާއިމްކޮށްފައިވެއެވެ. އަދި މުޅި ސެންޓަރުވެސް ފަރުމާކޮށްފައިވަނީ، ކުދިންނަށް އެންމެ ރައްކާތެރި މާހައުލެއް ލިބޭނެ ފަދަ ގޮތަކަށް ކަމަށް، ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ 5 ސަރަޙައްދުގައި ޖެންޑަރ މިނިސްޓްރީން އަމާން ހިޔާ ޤާއިމްކުރުމަށް ކުރާ މިމަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލުމަށް އެމިނިސްޓްރީން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.