ޚަބަރު

އިބްތިހާލުގެ މަންމައަށް ހުކުމްކުރުން އަންނަ ހޯމަދުވަހު


ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި އެ ކުއްޖާގެ މަންމަގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގެ ހުކުމް އިއްވުން އަންނަ ހޯމަދުވަހަށް ތާވަލުކޮށްފިއެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ 2 ދައުވާއެއް އުފުލާފައެވެ. އެނާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާއާއި އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަތަކުގެ އަޑުއެހުންތައް ނިންމާ އާފިޔާގެ މައްޗަށް ހުކުމްކުރުމަށް މިދިޔަ މަހު ކޯޓުން ތާވަލުކުރިނަމަވެސް ވަކީލެއްގެ އެހީތެރިކަމަށް އާފިޔާ އެދުމުން ހުކުމް ކުރުން ފަސްކޮށް ކޯޓުން ވަނީ އޭނާއަށް އެފުރުސަތު ދީފައެވެ.

މި މައްސަލާގައި އާފިޔާ ބަންދުކުރުމުން އޭނާވަނީ އިބްތިހާލަށް އަނިޔާކުރިކަމަށާއި އެ ކުއްޖާ މަރާލިކަމަށް ކޯޓުގައި އިއުތިރާފުވެފައެވެ. އެހެންނަމަވެސް ފަހު އޭނާ ވަނީ އެކަމަށް އިންކާރުކޮށް ކޮށްފައެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަށް އާފިޔާ ހާޒިރުކޮށްފައިވަނީ އެނާއަށް ދައުލަތު ޚަރަދުގައި ހަމަޖައްސައިދިން ވަކީލާއެކުއެވެ.

މައްސަލައިގެ ހުލާސާ ބަޔާނަށް ވާހަކަދައްކަމުން އާފިޔާގެ ވަކީލް ވިދާޅުވީ ދައުލަތުން ކުރި ދައުވާތަކަށް އާފިޔާ އެއްބަސްވީ ޖަލުގެ އޮފިސަރުން ބިރުދެއްކުމުން ކަމަށެވެ. އަދި އިބްތިހާލަށް އާފިޔާ އަނިޔާކުރިކަމަށް ބެލިނަމަވެސް އޭނާ އިބްތިހާލަށް އަނިޔާކުރަނިކޮށް މަންޒަރު ފެނުނު އެއްވެސް ހެއްކެއް ހުށައަޅާފައި ނުވާކަމަށް އޭނާގެ ވަކީލް ވިދަޅުވިއެވެ. އެހެންކަމުން އާފިޔާ އިބްތިހާލަށް އަނިޔާކުރީ އެ ކުއްޖާ މަރާލުމުގެ ނިޔަތުގައިކަމަށް ބެލޭނެ ޖާގައެއް ނެތްކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ މައްސަލައާއި ގާޒީ ހަވާލުވިއިރު މައްސަލާގައި ހެކިބަސްވެސް ނަގާ ނިމިފައިވާކަމަށެވެ. އަދި އޭރުވެސް އާފިޔާއަށް ވަކީލުންގެ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ލިބި ފުރިހަމަ ފުރުސަތު ދީފައިވާކަމަށެެވެ. އެހެންކަމުން މި މައްސަލައިގެ ހުކުމްކުރުން އަންނަ ހޯމަދުވަހު އޮންނާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އާފިޔާގެ ބަންދުގެ މުއްދަތު އަލުން މުރާޖާކޮށްދިނުމަށް އެދިފައެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އާފިޔާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ. މިގޮތަށް ނިންމާފައިވާ ބަންދުގެ މުއްދަތުތައް މަހަކު އެއްފަހަރު ރިވިއުކުރަން ޖެހެއެވެ. މިކަމުގައި ދައުލަތުން އެދިފައިވަނީ ކަފާލާތުވެސް ނުލިބޭ ގޮތަށް އާފިޔާގެ ބަންދުގެ މުއްދަތު ދަމަހައްޓާ ދިނުމަށެވެ.

އާފިޔާގެ ފަރާތުން އެދުނީ ޝަރީއަތަށް ފެންނަ ގޮތަކަށް ބަންދާއި މެދު ގޮތެއް ނިންމާދިނުމަށެވެ. އެހެންނަމަވެސް މައްސަލަ ވިހާ އަވަހަކަށް ނިންމާދިނުމަށް އާފިޔާގެ ފަރާތުންވަނީ ޝަރީއަތުގައި އެދިފައެވެ. ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ޝަރީއަތުން ނިންމީ އާފިޔާގެ ބަންދުގެ މުއްދަތު ދެމެހެއްޓުމަށެވެ.

މި ދެ ދައުވާގެ ތެރެއިން އަމުރަށް ނުކިޔަންމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އާފިޔާގެ މައްޗަށް އެންމެ ބޮޑުވެގެން އަންނަނީ 6 މަހުގެ ޖަލުގެ ހުކުމެކެވެ. އަދި މަރުގެ ކުށް ސާބިތުވެއްޖެނަމަ އުމުރަށް ޖަލު ހުކުމެކެވެ.