އެމްޓީސީސީން ޔަމަހާ 60
ހޯސްޕަވަރގެ އިންޖީން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފި އެވެ. މިއީ މި މަރުކާގެ
އިންޖީން ދުނިޔޭގެ ބާޒާރަށް ނެރުނު ފުރަތަމަ ފަހަރުކަމަށް އެމްޓީސީސީން
މައުލޫމާތުދެއެވެ.
ޔަންމާ އިންޖީނުގެ
ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރ އެމްޓީސީސީ އާއި
ސިންގަޕޫރު ޔަމަހާ ކުންފުނި ގުޅިގެން ރޭ ނޭޝަނަލް އާރޓް ގެލަރީގައި އޮތް
ރަސްމިއްޔާތެއްގައި މި އިންޖީން ތައާރަފް ކޮއްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ.
މުޙައްމަދު ޝައިނީ އެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީ.އީ.އޯ އަބްދުރައްޒާގު
ހަލީމް ވިދާޅުވީ ކުރިން ކުދި ދޯނި ފަހަރުގައި އަޅައިގެން ގެންގުޅުނު "ޓޫ-ޓީ"
އަދި "ތްރީ-ޓީ" އިންޖީނުގެ ބަދަލުގައި ބޭނުންކުރެވޭ މި އިންޖީނަކީ 30-45
ފޫޓުގެ ކުދި އޮޑިފަހަރުގައި އެޅުމަށް ހާއްސަ އިންޖީނެއް ކަމަށެވެ.
"ކުރިން ޓޫޓީ އާއި ތްރީ-ޓީ އިންޖީނުގެ
ސްޕެއާ ނުލިބިގެން އުޅުނު އުޅުން މިހާރު ނިމުމަކަށް އަތުވެގެން މިދިޔައީ،".
އޭނާ ވިދާޅުވީ
މި އިންޖީނު އެ ކުންފުނިން ވިއްކަނީ ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާއަށް ކަމަށެވެ.
އަދި މި އިންޖީނު ތައާރަފުކުރި މި ސައިޒުގެ އިންޖީނު ބޭނުންކުރާ ކުދި އުޅަނދު ފަހަރު
ގިނަވުމުން ކަމަށް ހަލީމް ފާހަގަ ކުރެއްވި އެވެ.މި އިންޖީނަކީ 30 ފޫޓާއި 45 ފޫޓާއި
ދެމެދުގެ ފަރުމަސްވެރިކަން ކުރާ އުޅަނދުފަހަރުތަކާއި ރިސޯޓްތަކުގައި ބޭނުން ކުރާ
އުޅަނދުފަހަރާއި ކުދި ފެރީތަކުގައި އެޅުމަށް ހާއްސަ ކުރެވިފައިވާ އިންޖީނެކެވެ.
އެމްޓީސީސީ އިން ބުނީ މި އިންޖީނު ވެގެންދާނީ ޔަމަހާ ބްރޭންޑްގެ އެހެން އިންޖީނުތަކެކޭ އެއްފަދައިން ދުވެލި ރަނގަޅު
އަދި އިންޖީނުގެ ގިޔަރުގެ ރޭޝިއޯ މަތިވުމުގެ ސަބަބުން ދިގުމުއްދަތަކަށް ބޭނުން ކުރުވޭނެ
ރާއްޖޭގެ މާހައުލާއި ރައްޓެހި އިންޖީނެއް ކަމަށެވެ.
މި އިންޖީނު މިހާރު 2
ދޯންޏެއްގައި އަޅައިގެން ޓެސްޓިންގ ފަށާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީ ން މިމަހުގެ 12 ވަނަދުވަހު އޮޑިވެރިންނަށް ހައްލު ހޯދައިދިނުމުގެ
ގޮތުން ތައާރަފްކުރި ދިގު މުއްދަތަކަށް ފައިސާ ދައްކައިގެން އިންޖީނު މިލްކު ކުރެވޭ
"ތަމްވީލް ތަކްސީދް" ގެ ދަށުން 18 މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން
މި ތައާރަފްކުރެވުނު 60 ހޯސްޕަވަރ އިންޖީނަށް ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.
އެމްޓީސީސީ އަކީ ޔަމަހާ އިންޖީން އަދި ސުޒުކީ އައުޓްބޯޑް އިންޖީންގެ ރާއްޖޭގެ އޭޖެންޓް އެވެ.