ޚަބަރު

ވެހިކަލް ދުއްވާ މީހުންގެ އިތުރުން، ހިނގާފައި އުޅޭ މީހުންވެސް ޤަވާއިދުތަކަށް އިޚްތިރާމްކުރަންޖެހޭ


މަގުމަތީގެ ޤަވާއިދުތަކަކީ އާއްމު ގޮތެއްގައި ދުނިޔޭގެ ގިނަ ތަންތަނުގައި އެއްގޮތަކަށް ހެދިފައި ހުންނަ އުސޫލުތަކެކެވެ. މިހާރު ރާއްޖޭގައި ދިރިއުޅެމުން އަންނަނީ ޒަމާނަށް ލޯހުޅުވިފައި އޮތް ޖީލަކަށް ވާއިރު، މަގުމަތީގެ ގަވާއިދުތައް ނޭނގޭ މީހަކު ހުންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ހާއްސަކޮށް މާލޭގެ މަގުތަކުގައި ހިނގަބިނގާވެ އުޅޭ ފަރާތްތަކަށް މަގުތަކުގައި ކަންހިނގާ ގޮތް ހުންނާނީ ފެނިފައެވެ.

މަގު ހުރަސް ކުރަން އުޅޭ މީހުންނަށް ޖާގަ ނުދޭ ވާހަކައާއި މަގު ހުރަސް ކޮށްކޮށް ހުއްޓާ ކައިރިން ޖެހިނުޖެހޭ ހިސާބުން ދުއްވާ އުޅަނދުތައް ދާ ވާހަކައާއި، މަގުހުރަސް ކުރާ މީހުންނަށް ނުބަލާ އުޅަނދުފަހަރުތައް ދުއްވުމުގެ ސަބަބުން ދިމާވާ ހިތްދަތި ހާދިސާތަކުގެ ވާހަކަވެސް އަޅުގަނޑުމެންނަށް އަޑުނީވޭ ދުވަހެއް މަދެއް ނޫނެވެ. މިއަހަރު ތެރޭގައިވެސް މިފަދަ ހިތާމަވެރި ދެތިން ހާދިސާއެއް ވަނީ ހިނގާފައެވެ. ސިފައިންގެ ސެނަހިޔާ ހޮސްޕިޓަލް ކުރިމަތިން އަންހެނަކު މަގުހުރަސް ކުރަނިކޮށް ކާރަކުންޖެހި ހިނގި އެކްސިޑެންޓާއި ހުޅުމާލޭގައި މާބަނޑު މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓްއަކީ މިއަހަރު ތެރޭގައި އަޅުގަނޑުމެންނަށް އަޑުއިވުނު ވާހަކަތަކެވެ.

ކަފި ހުރަހަށް ބަލާ ސަމާލުވާންވީ ހަމައެކަނި ދުއްވާ އުޅަނދުފަހަރުގައި އަންނަ މީހުންނެއް ނޫނެވެ. އެ މީހުންނާ އެއްވަރަށް މިކަމުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުންވެސް ސަމާލުކަންދޭންޖެހެއެވެ. މި ދެންނެވީ އެއްވެސް ހާލެއްގައި ދުއްވާ އުޅަނދުފަހަރުތަކުގައި އުޅޭ ފަރާތްތަކުން މަގުހުރަސް ކުރާ މީހުންނަށް ބަލަން ނުޖެހޭ ވާހަކައެއްނޫނެވެ. ނަމަވެސް މިފަދަ ކަންކަން ހައްލު ކުރެވޭނީ މުޖުތަމައުގެ އެންމެންވެސް ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކޮށްގެންނެވެ.

މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން އުޅަނދުފަހަރާއި ގުޅޭގޮތުން ޝަކުވާ ކުރަމުން އަންނަގޮތަށް އުޅަނދުފަހަރުގައި އުޅޭ ފަރާތްތަކުން ކުރާ ޝަކުވާތައްވެސް އެބަހުއްޓެވެ. އަޅުގަނޑުމެންގެ އާދަކާދަ ހުންނަ ގޮތުން ގިނަފަހަރަށް ގެއިން މަގުމައްޗައް ނުކުމެވެނީ ދާން އުޅޭތަނަކަށް ދާން ލަސްވެގެނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އުޅެނީ ދާން ބޭނުންވާ ތަނަކަށް އަވަހަށް ދެވޭތޯއެވެ. އަނެކުންނަށް ބަލާނެ ފުރުސަތެއް ލިބެނީ ވަރަށް މަދުފަހަރަކުއެވެ.

މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގުހުރަސް ކުރަން އޮންނަ ކަފިހުރަހަކީ، އެއްވެސް ހާލަތެއްގައި ލޯ މަރާލާފައި ހުރަސްކުރަން އޮންނަ ތަނެއްނޫނެވެ. މަގުހުރަސް ކުރުމުގެ ކުރިން މަގުގެ ދެކޮޅު ބެލުމާއި، ދުއްވާ އުޅަނދުތަކަށް ސަމާލުކަން ދޭންޖެހެއެވެ. ކަފިހުރަސް ނޫން ހިސާބުތަކުން މަގުހުރަސް ކުރުމަކީ ވަރަށް ގިނައިން މާލެ މަގުތަކުން ފެންނަ މަންޒަރުތަކެކެވެ. މިގޮތަށް އަމަލުކުރުމުގެ ސަބަބުން ދުއްވާފައި އަންނަ އުޅަނދަށް މަޑުކުރުމުގެ ފުރުސަތު ނުލިބި ދާ ފަހަރުތައްވެސް މަދެއްނޫނެވެ. އެއާއި ޚިލާފަށް ހިނގާ ބިނގާވެ އުޅޭ ފަރާތްތަކުންވެސް މަގު ހުރަސްކުރުމުގެ ކުރިން މަގުގެ ދެކޮޅުބެލުމަށްފަހު ކަފިހުރަސް މަތިން މަގު ހުރަސްކުރާނަމަ ދުއްވާ އުޅަނދެއްގައި އަންނަ މީހަކަށްވެސް މަޑުކުރުމުގެ ނުވަތަ މަގުހުރަސް ކުރުމުގެ ޖާގަދޭން ފުރުސަތު ލިބޭނެއެވެ.

މަގުމަތީގައި ދިމާވާ ހަމައެކަނި މައްސަލައަކީ މަގު ހުރަސްކުރުމުގެ މައްސަލައެއްވެސް ނޫނެވެ. މަގުމަތީގައި ހިނގާފައި އުޅުއްވާ ފަރާތްތަކުން ޕޭވްމަންޓްގެ ބަދަލުގައި މަގުގައިި ވެހިކަލް ދުއްވުމަށް އޮންނަ ސަރަޙައްދުން ހިނގާފައި ދިއުމަކީވެސް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ޕޭވްމަންޓްގައި ހިނގާއިރު އެހެން ފަރާތްތަކަށް ނުބެލުމާއި، ސަކަރާތް ޖެހުމުގައި ޕޭވްމަންޓް މަތީ، ހިނގާ އެހެން ފަރާތްތަކަށް އުނދަގުވާނެހެން މަޑުކޮށްގެން ތިބުމަކީވެސް މިހާރު ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މީގެއިތުރުން މީހުން ހިންގަން އޮންނަ ޕޭވްމަންޓް މަތީގައި އެއްޗިހި ބަހައްޓާފައި ހުރުމަކީވެސް ހިނގާ މީހުން، ޕޭވްމަންޓުން ފައިބައިގެން މަގުމަތީގައި ހިނގާ އެއް ސަބަބެވެ.

މިމައްސަލަތަކީ އެންމެ މީހުން ނޫނީ ދެ މީހަކު ވެގެން ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނެވެ. އެހެންކަމުން މަގުމަތި ބޭނުންކުރާ ހުރިހާ ފަރާތަކުން މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމުގެ ފަސޭހަ އެންމެންނަށް ލިބިގެންދާނެއެވެ.

އަލީ ހުސައިން

ހަމަ ވަރަށް ރަނގަޅު ވާހަކައެއް