ވިޔަފާރި

މިވަގުތު މަސް ގަންނަމުންދަނީ މަސްވެރިންނަށް ގެއްލުން ނުވާނެގޮތަށް- ޒަހާ


މިފްކޯއިން މިވަގުތު މަސް ގަންނަމުންދަނީ މަސްވެރިންނަށާއި އޮޑިވެރިންނަށް ގެއްލުންނުވާނެ މިންވަރަށްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަހުގެ އަގު ދަށްވުމުގެ މައްސަލައިގައި މަސްވެރިންތަކެއް ވަނީ އިއްޔެ ޅ.ފެލިވަރުގައި މުޒާހަރާކޮށްފައެވެ. އަދި މަސް ގަންނަ ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ދޭތެރެދޭތެރެއިން މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރމަހުގެ ތެރޭގައި މަސް ގަނެވޭނެ އެންމެ ދަށްއަގު މިނިސްޓްރީން ކަނޑައަޅާފައިވާކަމަށެވެ. ކުރިން 8 ރުފިޔާގައި އަގުތައް ހުރިނަމަވެސް މި ސަރުކާރުން ދާދިފަހުން ވަނީ މަސް ގަނެވޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި 13 ރުފިޔާ ކަނޑައަޅާފައެވެ. މިނިސްޓަރ ޒަހާ ވިދާޅުވީ، 13 ރުފިޔާއަށްވުރެ ދަށްކޮށް ނުގަންނަ ކަމަށްވަންޏާ މިކަމުގައި މަސްވެރިންނަށް ގެއްލުން ނުވާނެކަމަށެވެ.

"މިނިސްޓްރީން ދެއްވާނީ ފްލޯ ޕްރައިޒް. ފްލޯ ޕްރައިޒް އަޅުގަނޑުމެން އިއުލާންކޮށްފިން ސެޕްޓެމްބަރ 20 ގައި. މަސް ގަނެވޭނެ އެންމެ ދަށް އަގަކަށް ކުރިން އިނީ 8 ރުފިޔާ. 13 ރުފިޔާއަށް ނުގަންނަ ކަމަށްވަންޏާ 2 ކޮޅަށްވެސް ފައިދާ ވާނީ." މިނިސްޓަރ ވިދާޅުވިއެވެ.

މަސްގަންނަ އަގު ދަށްކަމަށްބުނެ މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމަށެވެ. މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް، މަސްވެރިން ކިރާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށް މިއަހަރު ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. މި ސަރުކާރުން މި ބަދަލު ގެނައުމުގެ ކުރިން ފްލޯ ޕްރައިޒް އެންމެ ފަހުން މުރާޖަޢާ ކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.

ފިޝަރީޒް މިނިސްޓްރީން ގެނައި ބަދަލުތަކުގެ ތެރޭގައި 7 ރުފިޔާއަށް ގަންނަމުން ދިޔަ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަހުގެ ކިލޯއެއްގެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ކަނޑައެޅިއެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި ހަމަޖައްސާފައިވާ 3 ރުފިޔާ 60 ލާރި ވަނީ 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.