މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ޓްރެވަލް ޕާޓްނަރަކަށް "މޯލްޑިވިއަން"


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ޓްރެވަލް ޕާޓްނަރަކަށް "މޯލްޑިވިއަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމުން މިއަދު ސޮއިކޮށްފިއެވެ.މޯލްޑިވިއަން އައިޑަލްގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފްއެވެ. އަދި މޯލްޑިވިއަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރ ޕްލައިޓް އޮޕަރޭޝަން ކެޕްޓަން މުހައްމަދު އަމީންއެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ، މޯލްޑިވިއަން އައިޑަލްއަކީ ޕީއެސްއެމްއިން ބާއްވާ ބައިނަލް އަޤްވާމީ އިވެޓްއެއް ކަމުން އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މޯލްޑިވިއަން އިން ޕީއެސްއެމްއަށް ގިނަ ކަންކަމުގައި ވަރަށް ޚާއްސަ އެހީތެރިކަމެއް ދެއްވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. ހަމައެހެންމެ މި ހުޅުވުނު ދޮރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް އިކްރާމް ފާހަނގަކުރެއްވިއެވެ.މޯލްޑިވިއަންގެ ފަރާތުން ވާހަކަދައްކަވަމުން އެތަނުގެ ޑިރެކްޓަރ ޕްލައިޓް އޮޕަރޭޝަން ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އަދި އެންމެ އަގު ބޮޑު ޓީވީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން ހަމަޖެހިގެން ދިއުމުން އެކަމާ އުފާކުރައްވާކަމަށެވެ. އަދި ޕީ.އެސް.އެމްއާއި ގުޅިގެން މި ޝޯވ ވީހާވެސް ކާމިޔާބު ޝޯވއަކަށް ހެދުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށްވެސް މުހައްމަދު އަމީން ވިދާޅުވިއެވެ.މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް ލޮޓަސް ހަމަޖައްސާފައިވާއިރު، މި ޝޯވގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިގޮތުން ފުރަތަމަ އޮޑިޝަން މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.