ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން 139000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް


ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުރިންގެ އަދަދު 139000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިންނެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލުމާއިއެކު މަޑުމަޑުން ރާއްޖޭގެ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަށް ހުޅުވުމުގެ ހުއްދަދީ ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީއެއް މިހާރު ވަނީ ހުޅުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން ޑިސެމްބަރ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 139183 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޖަނަވަރީ 1 ވަނަ ދުވަހުން ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 522030 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލުމާއިއެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މާކެޓްތަކުގެ ތެރޭގައި ހިމެނެނީ:

  • ރަޝިއާ: 26484
  • އިންޑިއާ: 23092
  • އިނގިރޭސިވިލާތް: 16492
  • ޔޫ.އެސް.އޭ: 7610
  • ޖަރުމަނުވިލާތް: 6620
  • ޔޫއޭއީ: 5810
  • ފްރާންސް: 4615
  • ޔޫކްރެއިން: 4160
  • ސްޕެއިން: 2879
  • ބްރެޒިލް: 2644

ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލި ޖުލައިމަހު އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 100 ފަތުރުވެރިންނެވެ. ނަމަވެސް މިމަހުގެ 1 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 2039 ގައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބޯޑަރު ހުޅުވާލުމާއެކު މިހާތަނަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން 20 އެއަރލައިންއަކުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން މި ހާލަތުގައި އިޝްތިހާރުކުރާއިރު ރާއްޖެ އުފެދިފައިވާގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އޮތުމުގެ ސަބަބުން ރާއްޖެއިން ލިބޭ ރައްކާތެރިކަން ފަތުރުވެރިންނަށް އަންނަނީ ބުނެދެމުންނެވެ. މިއީވެސް މި ހާލަތުގައި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެގެންދާ ސަބަބެއްކަމަށް ބެލެވެއެވެ.