ޚަބަރު

މާލޭގައި ޕާކިންގގެ ގޮތުގައި 8000 އަށްވުރެ ގިނަ ޖާގަ އަލަށް ހެދިފައިވޭ: މޭޔަރ ސިފާ


ޒަމާނީ ތަރައްޤީގެ އޮއިވަރުތަކާއެކު ވެރިރަށް މާލޭ ސިޓީ ގިނަ މީހުން ސިފަކުރަނީ ތޮއްޖެހުން ބޮޑު ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައެވެ. ޙާއްސަކޮށް މާލޭގެ މަގުތަކަށް ނުކަތާވަރަށް ވެހިކަލްތައް އިތުރުވެފައިވާކަމުގެ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. މާލޭގެ މަގުތަކަށް ބަލާލުމުން އެ މަންޒަރު ކިތަންމެހާވެސް ސާފުކޮށް ފެނެއެވެ.

މާލޭގައި ވެހިކަލްތައް އިތުރުވާކަމުގެ ވާހަކަދައްކާއިރު، ވެހިކަލްތައް ޕާކުކުރުމަށް އެކަށީގެންވާ ވަރުގެ ޖާގައެއް ނެތްކަމުގެ ޝަކުވާއަކީވެސް އަބަދުހެން އިވޭ ޝަކުވާއެކެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީނަމަވެސް ވެހިކަލްތައް އިތުރުވަމުންދާ ވަރަކަށް އިތުރުވަމުންދަނީއެވެ. ނަމަވެސް ޕާކު ކުރުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ.

މާލޭގެ ޕާކިންގ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގައި ވެހިކަލްތައް ޕާކުކުރާނެ ޖާގަ އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށްވާއިރު، މިވީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މި ސަރުކާރުން އެކަނިވެސް މާލޭގައި ވެހިކަލްތައް ޕާކުކުރުމަށް 8000 އަށްވުރެ ގިނަ ޖާގަ ހަދައިދީފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މާލޭގައި ޕާކިންގ ބިލްޑިންގތަކެއް ތަރައްޤީކުރުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް ޕްލޭނިންގ މިނިސްޓްރީއާއި ސިޓީ ކައުންސިލު ގުޅިގެން މިހާރުވެސް ވަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

"މިވީ 2 އަހަރެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ޕާކިންގގެގޮތުގައި އެތަކެއް ޖާގަތަކެއް ހެދިއްޖެ. ގާތްގަނޑަކަށް 8000 އަށްވުރެ ގިނަ ޖާގަ އެކި އުޅަނދުތަކަށް ޕާކުކުރުމަށް ހެދިފައިމިވަނީ. މިހާރު ކައުންސިލާއި ޕްލޭނިންގ މިނިސްޓްރީގެ ގިނަ ބޭފުޅުންނާއެކުގައި ބުރިބުރިއަށް އަރާ ޕާކިންގ ސްޕޭސްތައް ހެދުމުގެ މަސައްކަތް އިޢުލާންކުރުމާއި ހިސާބަށް ގެންދިއުމަށްޓަކާ މަސައްކަތްތައް މިވަނީ ފަށާފައި. މާތްﷲ އިރާދަކުރެއްވިއްޔާ އެފަދަ ހަތަރު ފަސްތަނެއްގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށައިގަނެވޭނެ" މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލޭގައި އިންޖީނުލީ އުޅަނދު ޕާކުކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުން ބިން ހުސްކޮށް، ސަރުކާރުންވެސް ވަނީ ޕާކިންގ ޒޯންތަކެއް ތަރައްޤީކޮށްފައެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީ ހިމެނޭ ސަރަޙައްދާއި، މަޖީދީމަގު ހިނާމާގޭ ސަރަޙައްދާއި، މާފަންނު ސަހަރާ ކަންމައްޗާއި، ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ސަރަޙައްދާއި، ސްޕްރީމް ކޯޓު ކުރިމަތިން އޮތް ހުސްބިމާއި، ސޯސަންމަގުގައި ކުރީގެ ނަސަރީ ހުރި ބިމާއި، ކިންގްގ ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި 2 ފުރޮޅުލީ އުޅަނދުތަކާއި 4 ފުރޮޅުލީ އުޅަނދުތަކަށް ޕާކުކުރުމަށް ޖާގަ ހަދައިދީފައިވެއެވެ. އަދި މާލޭ މަގުމަތީގައި ގިނަދުވަސްވެ ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުންނާގުޅިގެން ކޮށްފައިވެއެވެ.

މާލޭގެ ތޮއްޖެހުން ހައްލުކުރުމަށާއި، ވެހިކަލްތައް ޕާކުކުރާނެ ޖާގަ އިތުރުކުރުމަށް ޕާކިންގ އިމާރާތްތަކެއް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މާލޭގައި އެފަދަ ތަންތަން ތަރައްޤީކުރެވޭނެ ސަރަޙައްދުތަކަކީ ކޮބާތޯ ބެލުމާއި އެކަމުގެ ދިރާސާތައް ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާއިރު، 2 ޕާކިންގ އިމާރާތެއް އެޅުމަށް 7.5 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވެއެވެ.