ޚަބަރު

ސްކޫލްތައް އަލުން ހުޅުވާއިރު އިތުރު ހަރަކާތްތަކަށް ފުރުސަތު ލިބޭނެ: އެޑިއުކޭޝަން މިނިސްޓްރީ


ސްކޫލްތައް އަލުން ހުޅުވާއިރު އިތުރު ހަރަކާތްތަކަށް ފުރުސަތު ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވީ އަންނަ އަހަރު ކުރިއަށްގެންދާ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމާއެކު ސްކޫލްތަކަށް އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމާއި ގުޅޭ ގޮތުން ސްކޫލްތަކަށް އެކަމަށް ބޭނުންވާނެ އިރުޝާދުތައް ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް ގެންދެވޭނެ ހަރަކާތްތަކާއި، ހަރަކާތްތައް ކުރިޔަށް ގެނދާނެ ގޮތްތަކާއި ބެހޭ ހުރިހާ މައުލޫމާތެއްވެސް މިހާރު ސްކޫލްތަކަށް ދީފައިވާނެކަމަށްވެސް މުޖާހިދު ވިދާޅުވިއެވެ.

"ސްކޫލެއް ސްކޫލަކަށް މިވަނީވެސް، ސްކޫލަކުން ކޮށްދޭންޖެހޭ ކަންތައްތައް އެންމެ ފުރިހަމައަށް މި ކޮށްދެވެނީވެސް ހަގީގަތުގައި ސްކޫލެއްގެ އިތުރު ހަރަކާތްތަކާއި އެކްސްޓްރާ ކޯކަރިކިއުލާ އެކްޓިވިޓިސްތައް ރަނގަޅަށް ގެންދެވުނީމަ ދެއްތޯ. އެހެންނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި މިދިޔައީ އަޅުގަނޑުމެންނަށް އެފަދަ ހަރަކާތްތަކެއް ގެންދެވޭނެ ފަދަ މާހައުލެއް ނެތި." މުޖާހިދު ވިދާޅުވިއެވެ.

ސްކޫލްތަކުގައި އަލުން އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ވިދާޅުވީ ކޯވިޑް-19 އައުމުގެ ކުރިން އޮތް ގޮތަށް ކަންކަން ނުގެންދެވުނު ނަމަވެސް މިއީ ކުދިންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ.

"ދެވަނަ ޓަރމްގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ލިބިގެންދާނެ. އެންމެ އާއްމު ހާލަތެއްގަ ނުވަތަ ކޯވިޑް ނޯންނަ އިރެއްގަ އަޅުގަނޑުމެން ސްކޫލްތަކުގަ ގެންދާހާ ނުވަތަ ގެނދާގޮތަށް ނުގެންދެވުނުނަމަވެސް ވަރަށް ބޮޑު ފުރުސަތެއް ސްކޫލްތަކަށް އަދި ދަރިވަރުންނަށް ލިބިގެންދާނެ އިތުރު ހަރަކާތްތަކުގަ ޝާމީލްވެގެން އެ ހަރަކާތްތަކުގަ އުޅުމުގަ." މޫސަ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު ސަރުކާރުން ދަރިވަރުންނަށްޓަކާ ކުރިޔަށްގެންދާ ނާސްތާ ޕްރޮގްރާމްވެސް ވަނީ މެދުކަނޑާލާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާއިރު ނާސްތާ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ނާސްތާ ޕްރޮގްރާމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ނާސްތާގެ ގޮތުގައި ދޭ ބާވަތްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުވާ ކިޔެވުން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީން ވަމުން އަންނައިރު މިފަހަރު ސްކޫލްތަކުގެ ކިޔެވުން މިދިޔަ ޓަރމްއާ ހިލާފަށް ހަފްތާގެ 5 ދުވަހުވެސް ކުރިޔަށްދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި އެއް ސްކޫލްގެ ހާލަތު އަނެއް ސްކޫލްއާއި ތަފާތުވާ ހާލަތްތައް އަންނައިރު، ސްކޫލްގެ ހާލަތަށް ބަލާ ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ހޯއްދެވުމުގައި ބެލެނިވެރިން ސަމާލުކަން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.