ވިޔަފާރި

ރާއްޖެއާއި މުމްބާއީއާ ދެމެދު ސްޕައިސް ޖެޓުގެ ދަތުރުތަކެއް


އިންޑިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ، ސްޕައިސް ޖެޓުން ރާއްޖެއާއި އިންޑިއާގެ މުމްބާއީއާ ދެމެދު ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސްޕައިސް ޖެޓުން މުމްބާއީ އާއި ރާއްޖެއާއި ދެމެދު ބާއްވާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެެވެ. މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާގެ އާދިއްތަ، ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް އަންނަ މަހުގެ 3 ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ.

މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 737 މަރުކައިގެ މަތިންދާ ބޯޓެކެވެ.

ސްޕައިސް ޖެޓުގެ މި ދަތުރުތައް ރާއްޖެއަށް ބާއްވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ އެއަރ ބަބުލް އެއްބަސްވުމުގެ ދަށުންނެވެ. ސްޕައިސް ޖެޓުން މިހާރުވެސްދަނީ އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

ސްޕައިސް ޖެޓުގެ އިތުރުން އިންޑިއާގެ ގޯ އެއަރއިންނާއި، އިންޑިގޯ އެއަރލައިނުންވެސް ދަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ވަނީ 22535 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.