ވިޔަފާރި

ނަގުދު ފައިސާ އެތެރެކޮށް، ބޭރުކުރާ މިންވަރު ރިޕޯޓްކުރުމުގެ ޤަވާއިދަށް ބަދަލުތަކެއް!


ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޢަދަދު މިހާރު ދަށްކޮށްފައެވެ. އެގޮތުން ދިހަހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެ ކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަ ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މިބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 17ވަނަ ދުވަހުން ފެށިގެންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ވަނީ ރާއްޖެއަށް ނަގުދު ފައިސާ އެތެރެކުރުމާއި ބޭރުކުރުމުގައި ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ މިންވަރަށް ބަދަލު ގެނެސްފައެވެ. އެގޮތުން އޭރު ކަނޑައަޅާފައިވަނީ ވިހިހާސް ޑޮލަރު ނުވަތަ އެއަށްވުރެ މަތީގެ ޢަދަދަކުން ރާއްޖެއަށް ފައިސާ އެތެރެ ކުރާ ނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަމަވެސް ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭ ގޮތަށެވެ.

އެމްއެމްއޭއިން ވިދާޅުވީ ރާއްޖެއަށް ފައިސާ އެތެރެ ކުރުމާއި ފައިސާ ބޭރުކުރުމުގައި ދިވެހި ރުފިޔާއިން ނުވަތަ ބޭރުގެ އެހެން ޤައުމެއްގެ ފައިސާއަކުން ނަމަވެސް، އެ ޢަދަދު ނުވަތަ އެއަށް ވުރެ މަތީގެ ޢަދަދަކުން އެތެރެކޮށް، ބޭރުކުރާނަމަ، ކަސްޓަމްސަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ.