ޚަބަރު

ކޯވިޑް-19 : މާލެއިން 14 މީހުންނާއެކު 23 މީހުން ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 31 މީހުން ކޯވިޑް-19 އިން ރަނގަޅުވެ، ބަލިން ރަނގަޅު ވީ މީހުންގެ އަދަދު 12،960 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެ.ޗްޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް 23 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 14 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 2 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 7 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،524 އަށް އަރާފައެވެ.

ރާއްޖޭގައި މި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދަނީ ޖުމްލަ 509 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަނީ 41 މީހުންނެވެ.

އިއްޔެގެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރުއޮއްސި ހަޔަކާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2404 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 294،401 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.