ވިޔަފާރި

އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ލ. އަތޮޅުގައި ފަށައިފި


އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ލ. އަތޮޅުގެ ފެށުމަށް ދަނޑުވެރިންނާއެކު ސޮއިކޮށްފިއެވެ.

ލ. އަތޮޅުގައި މި މަޝްރޫއު ފަށާފައިވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ސަރުކާރުން އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބުނެއެވެ. ލ. އަތޮޅުގައި މިމަޝްރޫއު ފަށާނީ ގާތްގަނޑަކަށް 120 ދަނޑުވެރިންނާއެކު ކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރިއަށްވެސް އިތުރު ދަނޑުވެރިން ބައިވެރިވާނެ އުއްމީދު ކުރައްވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެގްރޯނެޓްއިން މިވަގުތު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ލ. ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާއެކުގައެވެ.

މިމަޝްރޫއާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގްރޯނެޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، ލ. އަތޮޅުގައި ސޮއި ކުރެވިގެން ދިޔަ އެއްބަސްވުންތަކާއި އެކު މަޝްރޫގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެގޮތުން، މި އެއްބަސްވުން ތަކުގެ ދަށުން އެގްރޯނެޓްގެ ފަރާތުން ދަނޑުވެރިންނަށް ބޭނުންވާ ސާމާނާއި ތަމްރީން އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ މަޝްރޫއުގެ ދަށުން މި ސަރަހައްދުގައި ވަކި ހާއްސަ ބާވަތެއް ހެއްދުމަށް ނިންމާފައި ނެތް ކަމަށެވެ. އަދި މިދަނޑުވެރިން ހައްދާނީ ސަރުކާރުން އިމްޕޯޓު މަދު ކުރުމަށްޓަކައި ހައްދަން ކަނޑައަޅާފައިވާ 17 ބާވަތް ކަމަށާއި، އެ 17 ބާވަތް ހުރިހާ ދަނޑުވެރިންގެ މެދުގައި ބަހާލާނީކަމަށް ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓް ކުންފުނިން މައުލޫމާތުދޭ ގޮތުގައި މިމަޝްރޫއު ފެށިގެން ދިއުމާއެކު ރަށްރަށުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ރައްކާކޮށް، ސަޕްލައި ކުރެވޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސާވާނެކަމަށެވެ.

އެގްރޯނެޓްގެ މަޝްރޫޢުގެ ދަށުން ދަނޑުވެރިންނާއި އެކު ހެދޭ އެއްބަސްވުމުގެ ދަށުން އުފައްދާ ބާވާތްތައް އެކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބި އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.