ވިޔަފާރި

ގދ.ތިނަދޫ ސަރަޙައްދީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ގދ. ތިނަދޫ ސަރަޙައްދީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތިނަދޫގައި ބޭއްވި ހަފްލާއެއްގައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ސޮއިކޮށްފައިވަނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެންހުރި މަސައްކަތްތައްވެސް އެމްޓީސީސީއާއި ހަވާލުކުރުމަށް އެކަމާއި ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

" މި ކޮމްޕޯނަންޓު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހީގެ ދެވަނަ ކޮމްޕޯނަންޓުގެ މަސައްކަތްތައް އެމްޓީސީސީއާއި ހަވާލުކުރުމަށް މަސައްކަތްކުރަމުން މިދަނީ، އޭގެތެރޭގައި ހިމެނޭ އެބަ 5000 އަކަފޫޓުގެ ގުދަނެއް އެޅުމާއި، މިތަނަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް ބިލްޑިންގް އެޅުމާއި، ޕޯޓަށް ބޭނުންވާ ޔާޑު ލައިންޓިން އާއި އެހެނިހެން މަސައްކަތް ހިމެނޭ، ކުރިއަށް 2 ހަފްތާތެރޭ މި އެއްބަސްވުމުގައި ސޮއިކުރުމަށްވަނީ ހަމަޖެހިފައި،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ބަނދަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާާނެ ކަމަށެވެ. އަދި މުވައްޒަފުން ނެގުމުގައި ތިނަދޫ އާއި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އިސްކަންދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއިން ނިންމާފައިވާ ގޮތުގެ ތަފްސީލްތައް ދެއްވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން ބޭނުންވަނީ މި މަޝްރޫޢުވެސް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާލުމަކީ އަމާޒެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

" މިއީ ކުޑަ މަސައްކަތެއް ނޫން، މިއީ ބޮޑު މަސައްކަތެއް، މީގެތެރޭގައި 4 ބައެއް ހިމެނިގެންދޭ، އޭގެތެރޭގައި 45 ހާސް ކިއުބިކް މީޓަރު ފުންކުރުން ހިމެނޭ، 3 ހާސް އަކަމީޓަރުގައި ކޮންކުރީޓު އެޅުން ހިމެނޭ، ފެން ހިންދުމުގެ ނިޒާމް މީގެ ތެރޭގައި ހިމެނޭ އަދި ވަށާ ފެންސުޖެހުން ހިމެނޭ،" އާޒިމް ވިދާޅުވިއެވެ.

ގދ.ތިނަދޫ ސަރަހައްދީ ބަނދަރު ޤާއިމުކުރުމުގެ މި މަޝްރޫއުގެ ދަށުން ކަސްޓަމްސް، އިމިގްރޭޝަން އަދި އެމް.ޕީ.އެލް.ގެ ޚިދުމަތް އެއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.