ވިޔަފާރި

އިންޑިއާގެ ޓުޓިކޮރިންއާއި ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފަށައިފި


އިންޑިއާގެ ޓުޓިކޮރިން އާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފަށައިފިއެވެ. އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން އައި ފުރަތަމަ ކާގޯ ބޯޓު “އެމް.ވީ. ބޮންތި 2″ ތިނަދުއަށް ބަދަރުކޮށްފައިވަނީ 400 ޓަނުގެ މުދަލާއެކުއެވެ.

ޓުޓިކޮރިންއާއި ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް ތިނަދޫގައި ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިލިބޭ ކުރިއެރުންތަކާއެކު ތަކެތީގެ އަގުތައް ރާއްޖޭގައި ހެޔޮވެގެންދާނެ ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ. އަދި އެމްއެސްއެސްގެ ކާގޯ ދަތުރުތަކާއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ޤައުމުގެ އިޤްތިސާދަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"މިއީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަތްފޯރާ ފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުތުރުގައި ހުޅުވިގެންދިޔަ މައި ދޮރާއްޓެއް ކަމުގައިވެގެންދާނެ. މިކަމުގެ ސަބަބުން ރާއްޖެއަށް އިޤްތިސާދީ ކުރިއެރުންތައް ލިބި ބާޒާރުގައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެވޭނެ،" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ހުވަދު އަތޮޅާއި ޓުޓިކޮރިންއާ ދެމެދު ކާގޯގެ ޚިދުމަތް ފެށުމަކީ މުޅި އެއަތޮޅަށްވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ހުވަދު އަތޮޅަކީ ވިޔަފާރީގެ ހަބަކަށް ހެދުން ކަމަށް އަމްރު ވިދާޅުވިއެވެ.

"ކާގޯ ގެނައުމުގައި އަގުހެޔޮވެގެންދޭ. ކޮންމެ 20 ދުވަހަކުން ދަތުރު އޮންނާތީ މުދާ ގެނައުމުގައި ފަސޭހަވެގެންދާނެ. އިންޑިއާއަކީ އެކި ބާވަތްތަކުގެ މުދާ އުފައްދާ ޤައުމެއް." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެމްއެސްއެސް ފެށިއިރު ނިންމާފައިވަނީ ކުންފުނިން ކަނޑައަޅާ ތާރީޚުތަކަށް ދަތުރުތައް ބޭއްވުމަށް ކަމަށެވެ. އެގޮތުން ކޮންޓެއިނަރުތައް ލިބުނަސް ނުލިބުނަސް ދަތުރު ބާއްވަމުންދާ ކަމަށާއި މިއާއެކު ވިޔަފާރިވެރިންނާއި އެމްއެސްއެސްއާ ދެމެދު އޮންނަ އިތުބާރު މިހާރު ބޮޑުވެފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރުގެ ވާހަކައިގައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ އުފެއްދިފަހުން މިވީ ކުޑަ ދުވަސްކޮޅުތެރޭގައި ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކޮށްފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ޝިޕިންގ ލައިންތަކާއެކު އެމްއެސްއެސްއިން އެއްބަސްވުންތައް ޤާއިމްކޮށްފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.

"އެމްއެސްއެސްއިން މިހާރުވަނީ ބޮޑެތި ޝިޕިންލައިންތަކާއެކު، އެމްއެސްއެސްގެ ވިޔަފާރި ފުޅާވެ މިހާރު އެބަ ފެނޭ ކޮންޓެއިނަރުތައް ފުރިގެންދާތަން." އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސްއިންވަނީ އިންޑިއާގެ ޓުޓިކޮރިންއާއި އައްޑޫ ސިޓީއާ ދެމެދު މިމަހުގެ 10ވަނަ ދުވަހު ކާގޯގެ ޚިދުމަތް ފަށާފައެވެ.
މީގެ އިތުރުން ކުޅުދުފުށްޓާއި ކޮޗިންއާ ދެމެދުވެސް ކާގޯ ދަތުރުތައް މިއަހަރު ސެޕްޓެމްބަރުމަހުވަނީ ފަށާފައެވެ.