ވިޔަފާރި

ޖަޕާނުގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި


ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް (ޖާޓާ) އިން ކުރިއަށް ގެންދިޔަ ވެބިނާ ސީރިސް އެއްގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

މި ވެބިނާ ސީރިސް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ގައުމަކަށް ހާއްސް އެއް ސެޝަން ބާއްވާ ގޮތަށެވެ. މިގޮތުން ރާއްޖެއަށް ހާއްސަ 3 ގަޑިއިރުގެ ސެޝަން ބާއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޖާޓާއިން ކުރިއަށްގެންދިޔަ ވެބިނާ ސިރީސްގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ފަހުގެ މަޢުލޫމާތާއި ކޯވިޑް 10 އިން ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް ޖަޕާންގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ހިއްސާ ކުރުމެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުން ކުރެވެން ހުރި ތަޖުރިބާތަކުގެ އިތުރުން ރާއްޖެއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ވެބިނާ ފަށްޓަވައިދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ، ޠައްޔިބު މުޙައްމަދާއި، ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް އުވައިސްގެ ވާހަކަފުޅުންނެވެ. އަދި އެއަށްފަހު މި ވެބިނާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި 6 ފަރާތަކުން ވަނީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ރާއްޖެއަށް ދަތުރުކުރުމުގައި އިސްކަން ދޭން ޖެހޭ ކަންތައްތައް އަދި ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުރި ހިތްގައިމު ތަޖުރިބާތަކަށް ބިނާކޮށް ޕްރެސެންޓޭޝަނެއް ހުށައަޅާފައެވެ.

މި ސެޝަންތަކުގައި ޖަޕާނުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަސް ސަތޭކައަށް ވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުން ދިޔަ މާކެޓްތަކުގެ ތެރެއިން އެއް މާކެޓެވެ. އެގޮތުން 2019 ގައި ޖަޕާނުން ވަނީ 44251 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ކޯވިޑް- 19ގެ ސަބަބުން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ބައެއް ހަރަކާތްތައް މަޑުޖައްސާލިނަމަވެސް، އާ އަޒުމަކާއި އެކި ވިޒިޓް މޯލްޑިވްސްގެ ޓީމުން ވަނީ މި ހަރަކާތްތައް ޑިޖިޓަލް އަދި މީސްމީޑިއާތަކުގެ ޕްލެޓްފޯމްތަކަށް ބަދަލު ކޮށްފައެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖެ ފަތުރުވެރިންގެ މެދުގައި އަބަދުވެސް މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން 22 މާކެޓެއްގައި 415 އަށްވުރެ ގިނަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.