ޚަބަރު

ޝަޒައިލަަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތު


މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ތަޙްޤީޤު ކުރުމަށް އޭސީސީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޝަޒައިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މަޢުލޫމާތުދެއްވައެވެ.

އޭސީސީން ދަނީ ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ. އަދި ޝަޒައިލްގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަޒާއިލްއަށް މިމަހުގެ 17ވަނަ ދުވަހު ފޮނުވާފައިވާކަމަށް އޭސީސީން މަޢުލޫމާތުދެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ޝަޒައިލް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރުވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައެވެ. އޭނާ ސަސްޕެންޑްކުރީ ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެދަށުންނެވެ. އޭނާއާ ގުޅޭގޮތުން ކޮރަޕްޝަނާ ގުޅުންހުރި ސީރިއަސް ޝަކުވާތަކެއް ލިބިފައިވާކަމަށް ސަރުކާންވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން ޝަޒައިލް ސަސްޕެންޑް ކޮށްފައިވާއިރު މޯލްޑިވް ގޭސްއިން މާ އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމަށް ބުނާ މައްސަލައަކާއި އެނޫންވެސް މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދަނީ ބަލަމުންނެވެ.

ޝަޒައިލް ޝިޔާމް ވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމްވެސް އަދާކުރައްވާފައެވެ. އޭނާ މިސަރުކާރުގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިންޑިރެކްޓަރުކަމާ ޙަވާލުވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޝަޒައިލް ޝިޔާމް އައްޔަނުކުރައްވާފައިވަނީ 2019ވަނަ އަހަރުގެ ޖެނުއަރީމަހުގެ 6ވަނަ ދުވަހުއެވެ.