ވިޔަފާރި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަނެއްކާވެސް އައު ރެކޯޑެއް


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަނެއްކާވެސް "ފްލައިޓް މޫވްމަންޓް"ގެ އައު ރެކޯޑެއް ހަދައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހު ވީއައިއޭއަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އިތުރުން ރާއްޖެ އައި މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖޭގެ ބޯޑަރު ޖުލައިމަހު ހުޅުވާލުމާއިއެކު ފަތުރުވެރިކަން ރަނގަޅުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ވީއައިއޭއަށް އެންމެ ގިނަ އެއަރ ޓްރެފިކް މޫމަންޓްސް ރެކޯޑް ކުރެވިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ވީއައިއޭއަށް 405 ފްލައިޓް ޖައްސާ އަދި ފުރާފައިވެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 4179 މީހުންނެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ރެކޯޑް މިދިޔަ އާދިއްތަ ދުވަހު ވަނީ އަނެއްކާވެސް މުގުރާލާފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދަކީ 578 އެވެ. އެހެންކަމުން މިއީ ކުރީގެ ރެކޯޑާއި އަޅާބަލާއިރު %42 އިތުރުވުމެކެވެ. އަދި އެދުވަހު ރާއްޖެއަށް 5848 މީހުން ވަނީ އައިސްފައެވެ. އެހެންކަމުން ރާއްޖެ އައި މީހުންގެ އަދަދު ވަނީ %39 އިތުރުވެފައެވެ.

ކޯވިޑް19 އަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަން ފަށާފައިވާއިރު ފަތުރުވެރިންގެ އިތުބާރާއި ޔަޤީންކަން ވަނީ ރާއްޖެއަށް ލިބިފައެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކަކުން ރާއްޖެއަށް މިހާރު ދަތުރުތައް ފަށާފައިވާއިރު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސް އެއަރޕޯޓްތަކާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން އަންނަނީ ފުރެމުންނެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން އައިސްފައިވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދުވެސް ވަނީ 5 ލައްކަ ހުރަސްކޮށްފައެވެ. އަދި މިމަހުގެ ބާކީއޮތް ދުވަސްތަކުގައި އިތުރު 40000 ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.