ޚަބަރު

މާމިގިލީ މަގުތައް، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިމަހު ފަށަނީ


މިމަސް ނިމުމުގެ ކުރިން އދ.މާމިގިލި މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މިއީ މާމިގިލީގެ މަގުތަކާ ގުޅޭގޮތުން ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަޝްރޫއެވެ.

މާމިގިލީ މަގުހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނާއި އެމަސައްކަތް ކުރުމަށް ބޭނުންވާ މީހުން މިހާރުވަނީ އެރަށް ގޮސްފައެވެ. މިމަޝްރޫޢުގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސީނިއާ އޮފިސަރ ޕްރޮޖެކްޓް މެނޭޖްމަންޓް މަޙްމޫދު މުޙައްމަދުފުޅު ވިދާޅުވީ ސައިޓުގައި ޢަމަލީ މަސައްކަތް ފެށުމުގެ މަސައްކަތް ލަސްވަނީ އެންވަޔަރަންމަންޓަލް އިމްޕެކެޓް އެސެސްމަންޓާގުޅޭ ބައެއް މަސައްކަތްތައް ކުރިއަށްދާތީކަމަށެވެ. ނަމަވެސް މިމަސައްކަތްނިމި މިމަސް ނިމުމުގެ ކުރިން ރަށުގައި ޢަމަލީ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.

މަގުތަކުގައި މަސައްކަތް ފަށާފައި ނުވިނަމަވެސް، މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ ސައިޑް ބްލޮކްސްއާއި ކޭބަލް ޖަންކްޝަންތައް ތައްޔާރުކުރުމާއި އެހެނިހެން މުހިންމު މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށް މަހުމޫދު ވިދާޅުވިއެވެ.

އދ.މާމިގިލީ މަގުތައް ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ. މިއީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެވެ. އާރްޑީސީން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި ތާރުއަޅާނެކަމަށެވެ. އެއީ ޖުމްލަ 4.89 ކިލޯމީޓަރުގެ މަގެވެ.

މަގުތައް ހަދަނީ ބޭނުންކުރަން ފަސޭހަ އަދި ފެންބޮޑުވުން ކުޑަވާނެގޮތްތަކަށް ފަރުމާކޮށްގެންނެވެ. މަހުމޫދު ވިދާޅުވީ މަގު ފަރުމާކޮށްފައިވަނީ ވާރޭވެހުމުން ބިންގަނޑަށް ފެން ހިންދޭނެގޮތަށްކަމަށެވެ. އަދި ބޮޑަށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށެވެ.

މާމިގިލި މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 14މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 10މިލިއަން ރުފިޔާ ޚަރަދުކޮށްގެނެނެވެ. މި މަސައްކަތަކީ 2020ގެ ބަޖެޓުގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.