ކުޅިވަރު

ފުޓްސެލް ކާނިވަލްގެ މަޤްސަދު ހާސިލްވޭ - ހައިކޮމިޝަން


މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ފުޓްސެލް ކާނިވަލުގެ މަޤްސަދު ހާސިލްވަމުން ދާކަމަށާއި ކާނިވަލުގެ ސަބަބުން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުވަމުން އަންނަ ކަމަށް ދިވެހި ހައިކޮމިޝަނުން ބުނެފިއެވެ. މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ކިވާކުދިންނަށް އަމާޒުކޮށްގެން ބޭއްވި ދެވަނަ ފުޓްސެލް ކާނިވަލް ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަވަމުން މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ކައުންސެލަރ ހަސަން ޚާލިދު ވިދާޅުވީ މިފަދަ ކާނިވަލެއްގެ މުހިންމުކަމުގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގައި މެދުކެނޑުމެއްނެތި މި ކާނިވަލް ކުރިއަށް ގެންދެވުމަށް ހައިކޮމިޝަނުން ނިންމާފައި ވާކަމަށެވެ. މޯލްޑިވްސް ފުޓްސެލް ކާނިވަލް މެލޭޝިޔާގެ ނަމުގައި، ދަތާރަން ސަންވޭ ސެންޓްރަލް ޕާކުގައި ބޭއްވި ހައިކޮމިޝަންގެ ދެވަނަ ފުޓްސެލް ކާނިވަލުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ނޯމަރސީ އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޓީމް އީސީ އެވެ. އަންހެން 6 ޓީމާއި ފިރިހެން 20 ޓީމް ބައިވެރިވި މިކާނިވާ ކުރިއަށް ގެންދިޔައީ އެއްދުވަހުގެ ނިޔަލަށެވެ. މި ފުޓްސަލް ކާނިވަލުގެ ފިރިހެން ޗެމްޕިއަންކަން ނޯމަރސީ ހޯދީ، ފޯރިގަދަ ފައިނަލް މެޗުގައި ޗެރަސް އަކަޓްސޫކީ އާއި ވާދަކޮށް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީއިން ދެ ލަނޑު ސުން ލަނޑުން ކުރިހޯދައިގެންނެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ޓީމް އީސީ ހޯދީ ފައިނަލްގައި ޓީމް ޑީވާސް އާއި ބައްދަލުކޮށް ތިންލަނޑު ދެލަނޑުން ކުރި ހޯދައިގެންނެވެ. މެލޭޝިޔާގައި ކިޔަވަންތިބޭ ކުދިންނަށް އަމާޒުކޮށް ދިވެހި ހައިކޮމިޝަން އިންތިޒާމްކުރި މި ކާނިވަލްގައި މިއަހަރު، މެލޭޝިޔާގައި ސްޓޫޑަންޓް ވިސާގައި ދިރިއުޅޭ މީހުންގެ އިތުރުން ދެކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ޓީމުތަކަށް ދީފައިވެއެވެ. އެ ފުރުސަތުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ފަދުވާ ޒާހިރު ވަނީ އަންހެން ޗެމްޕިއަން ޓީމް، ޓީމް އީސީ އަށް ކުޅެދީފައި އެވެ. މި ކާނިވަލާއި ގުޅޭގޮތުން މެލޭޝިޔާގައި ދިރިއުޅޭ ބައެއް ކިޔަވާކުދިންގެ ބައެއް ޝަކުވާތަށް ހުރި ނަމަވެސް މައިގަނޑު ގޮތެއްގައި ގިނަ ދަރިވަރުން ކާނިވަލާއިމެދު ހިތްހަމަޖެހޭކަން އެ ދަރިވަރުންނާއި ވާހަކަ ދައްކާލުމުން އެނގުނެވެ. އެކިއެކި ބޭނުންތަކުގައި މެލޭޝިޔާގައި ގާތްގަނޑަކަށް ތިންހާހާއި ހަތަރުހާހާއި ދެމެދުގެ އަދަދަކަށް ދިވެހިން ދިރިއުޅެމުންދެއެވެ.