ޚަބަރު

ބިދޭސީ މުދައްރިސުންގެ ބަދަލުގައި ދިވެހި މުދައްރިސުން ހޯދަނީ


ކޮންމެ އަހަރެއްވެސް ނިމޭ ދުވަސްވަރަކީ ކުރިއަށް އޮތް އަހަރަށް ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވާން ފަށާ ދުވަސްވަރެވެ. މި ތައްޔާރީތަކުގެ ތެރެއިން އެންމެ އިސްކަމެއް ދޭކަމަކީ އެއް ކަމަކީ ސްކޫލްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށެވެ. މުދައްރިސުން ހޯދުމުގައިވެސް މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި މުދައްރިސުން ހޯދުމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި އަވައްޓެރި ޤައުމުތަކުން މުދައްރިސުން ޒަމާނުއްސުރެން ކޮންމެ އަހަރަކުވެސް ރާއްޖެ ގެނެއެވެ. މީގެ ތެރޭގައި އިނގިރޭސި، ހިސާބު ކެމިސްޓްރީ، ބަޔޮލޮޖީ ފަދަ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކަށް އަވައްޓެރި އިންޑިއާ، ސްރީލަންކާ އަދި އެހެނިހެން ޤައުމުތަކުން މުދައްރިސުން ގެނެއެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި މުދައްރިސުކަން ކިޔަވާ ދަރިވަރުންގެ ނިސްބަތް އިތުރުވުމާ ގުޅިގެން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދިވެހިންނަށް މި ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ބިދޭސީ މުދައްރިސުން ތިބި މަޤާމުތަކަށް ދިވެހިން މުދައްރިސުން ހޯދައެވެ. މިއަހަރު ބިދޭސީ މުދައްރިސުން ތިބި މަޤާމުތަކަށް ދިވެހިން ހޯދުމަށް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތައް ހިމެނޭގޮތަށް 18 އަށް ވުރެ ގިނަ ސްކޫލުން ވަނީ އިޢުލާން ކޮށްފައެވެ.

މުދައްރިސުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތްހާހާއި ދިހަހާސް ހަސަތޭކަ ސާޅީސް ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ކަނޑައަޅާފައިވާއިރު އެހެނިހެން އިނާޔަތްތައްވެސް ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާގެ އިތުރަށް އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސްވެސް ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. މުދައްރިސް ކަމަށް ކުރިމަތިލާ ދިވެހި މުދައްރިސުންގެ އަތުގައި ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 އިން މަތީގެ ސަނަދެއް އޮންނަންޖެހެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާ ބިދޭސީންގެ އަދަދު މަދުކޮށް އެމަޤާމުތަކަށް ދިވެހިން ހަމަޖެއްސުމަކީ މި ސަރުކާރުގެވެސް އަމާޒެކެވެ. މިއަމާޒަށް ވާޞިލްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކާއި އިތުރަށް އުނގެނުމުގެ ފުރުޞަތުތައްވެސް މުދައްރިސުންނަށް ފަހިކޮށްދެއެވެ. ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދެމުން އައިނަމަވެސް މުދައްރިސުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އެކަށީގެންވާ މުސާރައެއް ނުލިބުމުގެ ކަންބޮޑުވުމެވެ.

ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަނީ މުދައްރިސުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނައުމަށެވެ. އަދި މިދާއިރާއަށް އާ ކުދިން ވެއްދުމާއި މިހާރު ތިބި މުއައްޒަފުން ވަޒީފާގައި ދެމި ތިބޭނެ ގޮތަކަށް މާހައުލު ބަދަލު ކުރުމަށްވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން މުދައްރިސުންގެ ގަދަރު ދަރިވަރުންގެ ކުރިމަތީގައި މަތި ކުރުމަށް ވެސް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުން އަންނައިރު "ތަޢުލީމްގެ ޤާނޫނު" ވެސް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރު ތަސްދީޤު ކުރައްވާފައެވެ. މި ޤާނޫނުގައިވާ ގޮތުން ހުރިހާ މުދައްރިސުންގެ އަތުގައިވެސް ކިޔަވައިދިނުމުގެ ލައިސަންސެއް އޮތުން މަޖުބޫރެވެ. މިއާއެކު މުދައްރިސުންގެ ޤާބިލުކަމާއި ކުރިއެރުމަށްވެސް ހިތްވަރު ލިބިގެން ދިއުމަކީ އެކަށީގެންވާކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ފެންވަރު ރަނގަޅު މުދައްރިސުން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ރާއްޖޭގައި ތިބި މުދައްރިސުންގެ ޤާބިލުކަން ކޯވިޑް-19އިގެ މިދަނޑިވަޅުގައިވެސްވަނީ ފެނިގެންގޮސްފައެވެ. މުޅިން އާ ތަޖުރިބާތަކަކާއެކު ހިވާގި ކަމާއެކު މުދައްރިސުން ދަރިވަރުންނަށް ކިޔަވައިދެމުން ދިޔައީ ޓެލިކިލާހާއި އޮންލައިން މެދުވެރިކޮށެވެ.