ޚަބަރު

މުސްއަބުގެ ސަސްޕެންޑްކޮށް ވަކިކުރީ ރަނގަޅަށް - ސިވިލްކޯޓް


އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އެ މަޤާމު އަލުން ދިނުމަށް ސިވިލް ސާރވިސް ކޮމިޝަނަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލްކޯޓުން ނިންމައިފިއެވެ.

އެކޯޓުން މިގޮތަށް ނިންމާފައިވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު އަސާސީއާއި ހިލާފަށްކަމަށް ކަނޑައަޅާދީ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ މުއްދަތަށް މުސާރަ އިޔާދަކޮށްދިނުމަށް އެދި މުސްއަބުގެ ފަރާތުން ސިވިލްކޯޓަށް ހުށައެޅި މައްސަލާގައެވެ. އަދި މި މައްސަލާގައި ހިމެނޭ ޤާނޫނީ ވަކީލަށް ހިނގާ ހަރަދުވެސް ހޯދުމަށް މުސްއަބު ވަނީ އެދިފައެވެ.

މުސްއަބާ ގުޅޭ އިދާރީ މައްސަލަތަކެއް ބަލަމުންދާތީ ސީއެސްސީން އެނާ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ މެއި 29 ގައެވެ. އޭގެ ފަހުން ތިން ފަހަރަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މުސްއަބުގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކުގެ ތެރޭގައި މިނިސްޓްރީގައި މަސައްކަތް ނުކުރާ މުވައްޒަފެއްގެ ނަން ޕޭރޯލްގައި ރަޖިސްޓްރީކޮށް 3 މަސްދުވަސް ވަންދެން މުސާރަ ދިނުމާއި ރަަސްމީ ލިޔެކިޔުންތަކެއް ޓްވީޓަރގައި އާއްމުކުރުމުގެ މައްސަލަވެސް ހިމެނެއެވެ.

މުސްއަބުގެ ފަރާތުން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ނިންމާ އެކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އޭނާ މަޤާމުން ވަކިކޮށްފައިވަނީ ސިވިލް ސާރވިސްގެ ޤާނޫނާއި ގަވައިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވުމުންކަަން ޝަރީއަތަށް ހުށައެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާކަމަށެވެ. އެހެންކަމުން މުސްއަބަށް އަލުން ވަޒީފާ ދިނުމަށާއި ސަސްޕެންޝަންގައި ހުރި މުއްދަތަށް މުސާރަ ދިނުމަށް ސިވިލް ސާވިސް ކޮމިޝަން މައްޗަށް އަންގާނެ ޝަރުއީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށްވެސް ސިވިލްކޯޓްގެ ހުކުމްގައިވެއެވެ.

މުސްއަބުގެ ސަސްޕެންޝަން ތިން ފަހަރެއްގެ މަތިން އިތުރުކުރުމުން އެ މައްސަލަ އޭނާ ވަނީ ރައްޔިތުން މަޖިލީހަށްވެސް ހުށައަޅާފައެވެ.

މުސްއަބު ތުހުމަތުކުރާ ގޮތުން އޭނާ ވަޒީފާއިން ސަސްޕެންޑްކޮށް ވަޒީފާއިން ވަކިކުރީ ޒިކުރާ މިސްކިތުގެ ކޮރަޕްޝަންގެ މައްސަލަ ފަޅާ އެރުމުން އެކަމުގައި މަސްލަހަތު އޮތް މިނިސްޓްރީގެ ބައެއްކަމަށެވެ. އަދި އޭނާއަށް ގުޅާ އެކަމާއި ގުޅިގެން ބައެއް އިންޒާރުތައް ދީފައިވާކަމަށްވެސް މުސްއަބު ވަނީ ވިދާޅުވެފައެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރެގެން މި ސަރުކާރުންވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި އެ މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ދައުވާވެސް އުފުލާފައެވެ.