މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ކޯވިޑް-19އިގެ ވެކްސިން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެ ކަމަށް ނޭޝަނަލް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އާއްމުކޮށް ބޭނުންކުރާ ވެކްސިން ރައްކާކުރާގޮތަށް ކޯވިޑް-19އިގެ ވެކްސިންވެސް ރައްކާކުރާނެކަމަށެވެ.
ނަޒްލާ ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާއި ޔުނިސެފް މެދުވެރިކޮށް ވެކްސިން ރައްކާކުރުމަށް ބޭނުންވާ އިތުރު ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އަތޮޅުތަކާއި މާލޭގައިވެސް ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ވެކްސިން ޖަހާދޭ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ވެކްސިންގެ ސައިޑް އިފެކްޓްސްތަކާއި އެދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.
"އާ ވެކްސިނެއް ގެންނައިރުގަ އެކަމަށް ބޭނުންވާ ޚާއްސަ ރެފްރިޖަރޭޓަރާއި ބޭނުންވާ އެހެނިހެން ސާމާނު ގަނެގެން ގެނެސް ބެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާނެ. އޭގެ އިތުރުން އަތޮޅުތެރެއާ މާލޭގައި ވެސް ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ވެކްސިން ޖަހާ ފަރާތްތަކުން އަދި ޑޮކްޓަރުނާއި ނަރުހުންނަށް ވެސް ވެކްސިންގެ ސައިޑް އިފެކްޓްސް ދެނެގަންނާނެ ގޮތްތަކާއި ބެހޭ ގޮތުންނާއި ރައްކާތެރި ގޮތުގައި ވެކްސިން ޖަހާނެ ގޮތާއި ބެހޭ ގޮތުން، މިހުރިހާ މައުލޫމާތުތަކެއް ފޯރުކޮށްދޭނެ." ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ކޯވިޑް-19 ގެ ވެކްސިން ޖަހާދޭނެ ބަޔަކު ތިބޭނެކަމަށެވެ. އަދި ވެކްސިން ޖެހުމަށްފަހު ސައިޑް އިފެކްޓްސް ފެނިއްޖެ ހާލަތެއްގައި އެކަންކަން ރިކޯޑްކޮށް އިންވެސްޓިގޭޓް ކުރާނެ ކަމަށެވެ. މީގެ އިތުރުން ވެކްސިންއާ ގުޅިގެން ޚާއްސަ ޑޭޓާބޭސްއެއްވެސް ގާއިމް ކުރެވޭނެކަމަށް ނަޒްލާ ވިދާޅުވިއެވެ.
އަތޮޅުތަކުގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އެޗްއީއޯސީން ވިދާޅުވެފައިވާއިރު ސަރުކާރުން މިހާރުވެސް ވަނީ ކޯވިޑް-19 ގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ކޯވިޑް ފެސިލިޓީސްތައްވެސް އަތޮޅުތަކުގައި ޤާއިމްކޮށްފައެވެ. އަދި ކޯވިޑް-19 އަށް ސާމްޕަލް ނެގުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގައި ކޯވިޑް-19އިގެ ވެކްސިން ޖަހަން ފަށާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން ވެކްސިން ޖެހުމުގެ ކުރިން ކުރަންޖެހޭ މަސައްކަތުގެ ދަށުން ފުރަތަމަ ވެކްސިން ޖަހަން ނިންމާފައިވާ މީހުންގެ މަޢުލޫމާތުތައް ދަނީ އެއްކުރަމުންނެވެ. އެޗްޕީއޭއިން ވިދާޅުވީ އަތޮޅުތަކުގައި މިހާރުވެސް ވެކްސިން ޖަހާނެ މީހުންގެ މަޢުލޫމާތުތައް އެއްކުރަމުން އަންނަކަމަށާއި، މާލޭގައިވެސް އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ %3 ޚާއްޞަކޮށްފައިވާނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ވެކްސިން ހިލޭ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ވެކްސިންގެ އިތުރަށް އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.