ދުނިޔެ

އައު ވައިރަހެއް ފެތުރޭތީ ޔޫކޭއަށް ދަތުރުކުރުން ހުއްޓާލަނީ


އިނގިރޭސިވިލާތުގައި ކޯވިޑް ޖައްސާ ވައިރަހުގެ ތަފާތު ވައްތަރެއް ފެތުރޭތީ ވިލާތުގެ ބައެއް ޤައުމުތަކުން އިނގިރޭސިވިލާތަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލައިފިއެވެ.

ވައިގެ ދަތުރުތައްކުރުން މަނާކުރި ޤައުމުތަކުގެ ތެރެއިން ނެދަލޭންޑްސުންވަނީ މި އަހަރުގެ ނިޔަލަށް އެއްވެސް ދަތުރެއް އިނގިރޭސިވިލާތަށް ނުކުރާނެކަން އަންގާފައެވެ. ބެލްޖިއަމުންވަނީ އިނގިރޭސިވިލާތަށް ކުރާ ވައިގެ ދަތުރުތަކާއި ރޭލު ދަތުރުތައް ކުރިޔަށް އޮތ 24 ގަޑިއިރަށް މެދުކަނޑާލާފައެވެ.

ނެދަލޭންޑްސްގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި ގައިންގަޔަށް އެރުމުގެ ބާރު ގަދަ ކޯވިޑް އައު ވައިރަހެއް ފެތުރެމުންދާކަމަށާއި، އެ ވައިރަސް މާ ފަސޭހައިން ފެތުރި ފެތުރޭ މިންވަރު އަވަސްކަމަށެވެ. އަދި އެ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ދެނެގަތުމަށް އުނދަގޫކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ. އެހެންކަމުން ނެދަލޭންޑްސަށް ވައިރަހުގެ އެ ވައްތަރު އަޔަނުދިނުމަށް ދަތުރުވެރިންގެ ޙަރަކާތްތައް މަދުކުރުމަށް ނުވަތަ ވަކި ގޮތަކަށް އިންތިޒާމްކުރުމަށް އެ ޤައުމުގެ އާންމު ޞިއްޙަތާއިބެހޭ އިދާރާއިން ހުށަހަޅާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

ވިލާތުގެ ޤައުމެއްކަމަށްވާ އޮސްޓްރިއާއިންވެސް ވަނީ އިނގިރޭސިވިލާތުން އަންނަ ފުލައިޓުތައް މެދުކަނޑާލަން ވިސްނަމުންދާކަމަށް ބުނެފައެވެ. ނަމަވެސް އެ ފިޔަވަޅު އަޅާނީ ކޮން އިރަކުންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޗެކް ރިޕަބްލިކުންވަނީ އިނގިރޭސިވިލާތުން އަންނަ ދަތުރުވެރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނުގެ އުޞޫލުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އިޓަލީވިލާތުގެ ޚާރިޖީ ވަޒީރުވެސް ވަނީ އިނގިރޭސިވިލާތުން އެ ޤައުމަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށް ރާވަމުންދާކަމަށް އިޢުލާނުކުރައްވާފައެވެ. އަދި އެ ނިންމުން އިނގިރޭސިވިލާތުގެ ސަރުކާރަށް އަންގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަރުމަނުވިލާތުންވެސްދަނީ އެންމެ ފަހުގެ ޙާލަތަށް ރިޢާޔަތްކޮށް އިނގިރޭސިވިލާތުން އެ ޤައުމަށް ދަތުރުކުރާ ފުލައިޓުތަކާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާކުރަމުންނެވެ. ނަމަވެސް އެ ޤައުމުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް ދެ މިލިއަން މީހުންނަށް ބަލިޖެހި 67،075 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު އާދަޔާއި ޚިލާފަށް އިތުރުވަމުންދާތާ ދެ ހަފުތާއެއްހާ ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 27،052 މީހުންނަށް ބަލިޖެހި 534 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު، ކްރިސް ވައިޓީ ވިދާޅުވީ އިނގިރޭސިވިލާތުގައި މިދުވަސްވަރު ފެތުރެމުންދަނީ ބަދަލުތަކެއް އައިސްފައިވާ ވައިރަހުގެ ވައްތަރެއްކަމަށާއި އެ ވައިރަސް ފެތުރޭ މިންވަރު ކުރިން ފެތުރެމުންދިޔަ ވައްތަރަށްވުރެ ހަލުވިކަމަށެވެ.

ސައިންސްވެރިން ބެލި ބެލުމުން ބަދަލު އައިސްފައިވާ ވައިރަހުގެ ބާވަތް ފެތުރޭ މިންވަރު 70 އިންސައްތަ އިތުރެވެ. އެ ހޯދުންތައް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއާއި ޙިއްޞާކޮށްފައިވާކަމަށް ވައިޓީ ވިދާޅުވިއެވެ. ނަމަވެސް ބަދަލުތައް އައިސްފައިވާ ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންގެ ޙާލު އިތުރަށް ގޯސްވާކަމުގެ ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.