ޓެކްނޮލޮޖީ

އުރީދޫގެ 5ޖީ ނެޓްވޯރކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑް "އެއަރ ފައިބަރ" ރާއްޖެއަށް


ޓެކްނޮލޮޖީގެ ދާއިރާއަށް މިއަދު މުޅި ދުނިޔެއަށް އިންގިލާބެއް ގެނުވައިދީފައިވާ 5ޖީ ނެޓްވޯރކް، އުރީދޫ މޯލްޑިވްސްއިން މާލޭގެ ބޮޑު ސަރަހައްދަކަށް ތަޢާރަފްކޮށްފިއެވެ.

މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި ޢާންމު ސަރަޙައްދުތައް ހިމަނާފައިވެއެވެ. 5ޖީ ނެޓްވާރކް އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާ ގައި އުރީދޫ މޯލްޑިވްސް އިން ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއަރފައިބަރ 10 ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފް ކޮށްފައެވެ.

ރާއްޖޭގެ ޑިޖިޓަލް ވިއުގައަށް އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ޚިދުމަތައް ތަޢާރަފް ކޮށްފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙްންމަދު މަލީހް ޖަމާލް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްްއުސްތާޛް ފައްޔާާޒް އިސްމާޢީލް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަޙްމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަލްފާޟިލް ޙާމިދު ޝަފީޢު، އުރީދޫ މޯލްޑިވްސްގެ ޗެއަރމަން، އެންޑުރޫ ކުވެލްސެތް، މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބު ޙާން، އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރުން، އަދި ލީޑަރޝިޕް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ޚާއްޞަ ވާރޗުއަލް ރަސްމިއްޔާތެއްގައެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެފައިވަނީ 5ޖީ ޓެކްނޮލޮޖީއަކީ މުޅިދުނިޔެ ބަލާލި ކަމުގައިވިޔަސް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބިގެން ދިއުމުގެ ޤާބިލްކަން ހުރި ޓެކްނޮލޮޖީއެއްކަން ސާބިތު ކޮށްދެމުންދާކަމަށެވެ. އަދި ޤައުމުގެ އިގްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިންޓަނެޓްގެ ޚިދުމަތްގެ މުހިންމުކަން މިއަދު އެތައްގުނައަކަށް އިތުރުވެފައިވާކަމަށެވެ.

"5ޖީ ޓެކްނޮލޮޖީ އާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަވެ މުޖުތަމަޢު ތަކަށް ބޮޑެތި ހައްލުތައް ލިބިގެންދާނެކަމީ ޝައްކެއް ނެތް ކަމެއް. ޑިޖިޓަލް މޯލްޑިވްސް އެއް ޤާއިމުކޮށް ވަރުގަދަ ނެޓްވާރކަކާއެކު، އައު އީޖާދީ ޓެކްނޯލޮޖީއާއި ދިވެހިން ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް އަދި ސްޓާފުން މެދުކެޑުމެއްނެތި ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން" މިނިސްޓަރ މަލީހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ ނަޖީބު ޚާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުންވެސް ޑިޖިޓަލް ޒަރީޢާތަކަށް ބަރޯސާވެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިމާވި ދަތިތަކާއެކުވެސް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކޮށްފައިވަނީ 5ޖީ ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުން އެއީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޖީބު ޚާން ވިދާޅުވީ، މުޖުތަމައުތަކުގެ ދިރިއުޅުމުގެ އައު ވައްޓަފާޅިއަށް ބިނާކޮށް ޑިޖިޓަލްކޮށް ގުޅިފައިވާ މުޖުތަމައު އެއް އުފެއްދުމަކީ މިވަގުތަށް މުހިންމުކަމެއްކަމަށެވެ. އަދި 5ޖީގެ ހަލުވި ސްޕީޑް ގިނަބަޔަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެގޮތުން 5ޖީ އެއަރފައިބަރ މާލޭގެ ގިނަ ހިސާބުތަކަކަށް މިހާރު ތަޢާރަފްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ހިދުމަތާއެކު ފައިބަރ އޮޕްޓިކް މެދުވެރިކޮށް އިނަޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއްލިބި ވައިގެ ޒަރިއްޔާއިން އެތަށްގުނައަކަށް އިތުރު ސްޕީޑާއެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތަށް މުޖުތަމައުތަކަށް ލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދެމި ތިބެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން" ނަޖީބު ޚާން ވިދާޅުވިއެވެ.

އުރީދޫއިން ބުނީ 5ޖީގެ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންވާނެއެވެ. އަދި މި ކުރިއެރުމާއެކު، ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރކުރުން ފަދަ އީޖާދީ ޚިދުމަތްތަކާއި އިންޓަނެޓް ކަނެކްޓިވިޓީއާއި އައި.އޯ.ޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުވެގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އުރީދޫއިން 5ޖީ ފޯރުކޮށްދޭއިރު، މާލޭގެ ބޮޑު ސަރަހައްދަކުން، 5ޖީ ޑިވައިސްތައް މެދުވެރިކޮށް މި ޙިދުމަތް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ރަސްމީކޮށް ޚިދުމަތްދޭން ފެށުމަށްފަހު، އަދިވެސް އިތުރު ޑިވައިސްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް، ދުނިޔޭގެ އެކި އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މޯބައިލް 5ޖީގެ އިތުރުން، މާލޭގެ ކަސްޓަމަރުންނަށް 5ޖީ އެއަރފައިބަރ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް، 5ޖީ އެންމެ ހަލުވިކަމާއެކު ތަޖުރިބާކޮށްލެވޭނެކަމަށާއި، މި ޚިދުމަތް ވެގެންދާނީ، މުޖުތަމަޢުގެ ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ވަކިން ޚާއްސަކޮށް، ދުރު ރަށްތަކާއި، ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއާއި މުޅި ދުނިޔެއަށްވެސް އިންގިލާބެއް ގެނެސްދިން "ފިފްތް ޖެނެރޭޝަން ޓެކްނޮލޮޖީ" ނުވަތަ 5ޖީ ނެޓްވާރކް، މުޅިން އަލަށް ގަތަރުގައި ތަޢާރަފް ކޮށްފައިވަނ 2018 ގައެވެ. ޑިޖިޓަލް ޚިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަޢާރަފްކުރުމަށް، ދެކުނު އޭޝިޔާ، އެރޭބިއަން ގަލްފް އަދި އުތުރު އެފްރިކާގައި އެކުންފުނިން ވަނީ އިންވެސްޓްމަންޓްތަކެއް ވަނީކޮށްފައެވެ.