ޚަބަރު

ޑރ.މުސްޠަފާ ލުޠުފީގެ "ކުޅި ހުވަފެން" ނެރުއްވައިފި


ޑރ.މުސްޠަފާ ލުޠުފީ ލިޔުއްވާފައިވާ ވާހަކަ ފޮތް "ކުޅި ހުވަފެން" ރަޢީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ނެރެދެއްވައިފިއެވެ. ފޮތް ނެރުމަށްޓަކައި އިސްކަންދަރު ސްކޫލްގައިވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

"ކުޅި ހުވަފެން" މި ވާހަކައަކީ މުޖުތަމަޢުގައި ހުރި ބޮޑެތި އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ޑރ.މުސްޠަފާ ލުޠުފީ ލިޔުއްވާފައިވާ ފޮތެކެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ޢާއިލީ މައްސަލަތަކާއި ދިރިއުޅުމުގައި ކާމިޔާބީއަށް ވާސިލުވުމުގައި އަންހެން ކުއްޖަކަށް ދިމާވާ ދަތިތަކުގެ ވާހަކަތައް މި ވާހަކާގައިވަނީ ހިމަނާފައެވެ.

"މި ފޮތަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް. ޙާދިސާއަކަށް ލިޔުނަސް މީހެއްގެ ހަޔާތަށް ލިޔުނަސް ފޮތެއް ލިޔެ ނިންމުމަކީ ވަރަށް ބޮޑު މަސައްކަތެއް. ކޮންމެ ކެރެކްޓަރެއް އުފައްދާ އެ ކެރެކްޓަރަކާއި ގުޅޭ ވާހަކައެއް ލިޔުމަކީ އެތައް ދުވަހަކުން ކުރެވޭ ކަމެއް." ޑރ.މުސްޠަފާ ލުތުފީ ވިދާޅުވިއެވެ.

މިފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން ފަޒްނާ އަހުމަދުވަނީ މިވާހަކައިންދޭ އިޖްތިމާޢީ މުހިންމު މެސެޖުތަކަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ދަރިންނަށް ތަޢުލީމު ދިނުމަށް މާލެ އައިސް އާޢިލާތަކުން ހޭދަކުރާ ދަތި ދިރިއުޅުމާއި، ބޯވިޔާވަހިކަމުގެ މައްސަލައާއި މުޖުތަމަޢުގެ ތެރެއިން ދެން ދިމަވާ ކަންކަމާގުޅޭ މުހިންމު މެސެޖުތަކެއް މި ވާހަކައިގައި ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި ދިރިއުޅުމުގެ ކާމިޔާބީއަށް ވާސިލުވުމުގައި، ދެން ދިމާވާ ގޮންޖެހުންތަކުގެ ވާހަކައަކީވެސް މި ފޮތުގައި ހިމެނޭ މުހިންމު އިބުރަތްތެރި ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.

"މި ވާހަކައިން އަންހެން ކުދިންނަށް ލިބޭ މެސެޖުތައް ވަރަށްގިނަ. ހަޔާތެއް ފެށެންއޮތް ނަމަވެސް، އަމިއްލަ މަސައްކަތެއްކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މި ވާހަކާގައިއުޅޭ ކެރެކްޓަރު ކުރި މަސައްކަތަކީ އަންހެން ކުދިންނަށް ލިބޭ މުހިންމު މެސެޖެއް. އިބުރައްތްތެރި ވާހަކަތަކެއް." ފަޒްނާ އަޙުމަދު ވިދާޅުވިއެވެ.

ފޮތް ނެރުއްވައިދެއްވައި ފޮތުގެ ކޮޕީތަކުގައި ޑރ.މުސްޠަފާ ލުތުފީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފަޒްނާ އަޙުމަދުވަނީ ސޮއިކުރައްވާފައެވެ. "ކުޅި ހުވަފެން" ނެރުމަށް ބޭއްވި ހަފްލާގައި ތަޢުލީމި ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުންނާއި، ޑރ.މުސްޠަފާ ލުޠުފީގެ އާއިލާގެ ބޭފުޅުންނާއި ރަޙުމަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.