ވިޔަފާރި

އަންދާޒާކުރި އަދަދަށްވުރެ އިތުރަށް 40000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމުގެ އުއްމީދު ބޮޑު: މައުސޫމް


އަހަރުގެ ބާކީއޮތް ދުވަސްތަކުގައި ރާއްޖެއަށް 40000 ފަތުރުވެރިން ގެނެވޭނެކަމަށް އުންމީދުކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގައި ވަރޗުއަލްކޮށް ބައިވެރިވެ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތަކުން ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ކުރިން ލަފާކުރި 5 ލައްކަ ފަތުރުވެރިންގެ އަމާޒު މިހާރު ހާސިލްކުރެވިފައިވާކަމަށާއި، މަސައްކަތްކުރަމުންދަނީ މިމަހުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 40000 ފަތުރުވެރިން ރާއްޖެ ގެނައުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، މިހާރު ރާއްޖެއަށް 18 އެއަރލައިނަކުން ދަތުރުކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާތަކުގައި އިތުރު 8 އެއަރލައިނަކުން ދަތުރު ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެ ހިމެނިފައިވަނީ ކޯވިޑް19 އަށްފަހު ދުނިޔޭގައި ފަތުރުވެރިކަމަށް ހުޅުވާލި މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުތަކުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދަމުންދާ ކާމިޔާބީތަކުގެ އަސްލެއްކަމަށް މިނިސްޓަރ ވިދާޅުވީ، ދާއިރާގެ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތެވެ. މެރިން އެކްސްޕޯގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުރިއާއި އަޅާބަލާއިރު ރާއްޖޭގެ މެރިން ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވަކަމަށެވެ. އެގޮތުން ބޯޓުތަކުގެ ސައިޒުތަކާއި، ލިބޭ ޙިދުމަތްތަކުގެ ފެންވަރުވެސް މިހާރު ކުރިއަރާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިސްޓް އެކޮމަޑޭޝަން ފެސިލިޓީތަކުގެ ގޮތުގައި މިހާރު 458 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އޭގެ ތެރޭގައި 138 ރިސޯޓަކާއި، 9 ހޮޓަލާއި، 129 ސަފާރީއެއްގެ އިތުރުން 182 ގެސްޓް ހައުސް ހިމެނެއެވެ.