ޚަބަރު

އީގަލްސް އާއި ޓީސީގެ ކުރިމަތިލުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަތިލުމެއް - މޯހަން


އީގަލްސް އާއި ޓީސީގެ ކުރިމަތިލުމަކީ ދެ ޓީމްގައި ތިބި ޒުވާންކުޅުންތެރިންގެ ކުރިމަތިލުމެއްކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގައި މިރޭ ކުލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބްގައިވެސް ޒުވާން ކުޅުންތެރިން ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ. ދެޓީމުވެސް ބަރޯސާވެފައިވަނީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. މެޗްގެ ކުރިން ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ މިމެޗް ވެގެންދާނީ ބެލުންތެރިން ބަލާހިއްވާ ފުޓްބޯޅައެއް ކުޅޭ މެޗްއެއްކަމަށެވެ. ކުލަބް އީގަލްސްއިން ބޮޑަށް ބަލާނީ ބޯޅަ ހިފައްހައްޓައިގެން، ރީތި ކުޅުމެއް ކުޅެވޭތޯކަމަށާއި ފާއިތުވެ ދިޔަ ދެ މެޗުގައިވެސް ފެނިގެންދިޔަ މިސްޕާސްތަކަށް މިހާރު މަސައްކަތް ކުރަމުންދާކަމަށާއި މެޗަކަށް ފަހު މެޗެއް ރަގަނޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ކޯޗް މޯހަން ބުންޏެވެ. އަދި ޓީސީ މެޗާ ކުރިމަތިލާއިރު، މާބޮޑު ފަރިތަކުރުންތަކެއް ކުރިއަށްގެންގޮސްފައިނުވާނެކަމަށާއި އެންމެ ބޮޑަށް ބެލީ ކުޅުންތެރިންނަށް އަނިޔާއެއް ނުވެ، ފިޓްކޮށް ބޭއްތިއްބުންކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.

"އުއްމީދު ކުރަނީ ކުޅިބެލުންތެރިން ބަލާ ހިއްވާކަހަލަ މެޗެއް ފެނިގެންދާނެކަމަށް. އަޅުގަނޑު އުއްމީދުކުރަނީ އެޓޭކިން ގޭމްއެއް ފެނިގެންދާނެކަމަށް. އަވަސް ޕާސްތަކެއް ޖެހުމަށްފަހު، ރީތި ފުޓްބޯޅަ މެޗްއެއް ފެނިގެންދާނެކަމަށް އުއްމީދު މިކުރަނީ. އަޅުގަނޑު ގަބޫލް ކުރަނީ ޓީސީއިންވެސް ނިކުމެގެން އެޓޭކް ކުރަން މަސައްކަތް ކުރާނެކަމަށް. ހަމަގައިމުވެސް އީގަލްސްއިން ކުޅޭނީ އެޓޭކިން ގޭމްއެއް، ރީތި ޕާސްތަކާއި ރީތި ފުޓްބޯޅައެއް ކުޅެން ކުލަބް އީގަލްސްއިން ވިސްނާނެ. ހަމައެކަނި ރީތި ފުޓްބޯޅައެއް ނޫން އީގަލްސްއިން ވިސްނާނީކީ. މެޗްގެ ނަތީޖާއަށްވެސް އީގަލްސްއިން ވިސްނާނެ. މެޗުން ތިން ޕޮއިންޓްއަކީވެސް ވަރަށް މުހިންމު އެއްޗެއް. އެހެންވީމަ ކުލަބް އީގަލްސްއިން މެޗް ކާމިޔާބުކުރަންވެސް މަސައްކަތް ކުރާނެ." ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.

މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޓިސީގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ލީގްގެ ފުރަތަމަ މެޗުން ކުލަބް އީގަލްސް ބަލިވިކަމަށް ވީނަމަވެސް، މިލީގުގައި ކުލަބް އީގަލްސްއަކީ އެންމެ މަތީގައި ގުނާލެވޭނެ ޓީމެއްކަމަށެވެ. އީގަލްސްގައި ޒުވާން އަދި ތަޖްރިބާކާރު ކުޅުންތެރިން ހިމެނޭއިރު ޓީސީއިން ނިކުންނާނީ މެޗް ކާމިޔާބުކުރާށެވެ. މެޗަށް ނިކުންނައިރު، ކުޅުންތެރިންގެ ވަރަށް ބޮޑު ހިއްވަރެއް އަބަހުރިކަމަށާއި މެނޭޖްމަންޓުންވެސް ފުލް ސަޕޯޓް ދޭކަމަށް ޝާޒްލީ ބުންޏެވެ.

"އޭއެފްސީ ކަޕުން މިފަހަރު ފުރުސަތު ގެއްލުމާއި ގުޅިގެން، ޓީސީއަށް ފައިސާގެ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ. އެހެންވީމަ މިފަހަރު މެނޭޖްމަންޓްއިން ވިސްނީ މިފަހަރުގެ ލީގަށް ވަރަށް ގިނަ ޒުވާން ކުޅުންތެރިންނާއިއެކު ނިކުންނަން. ފުޓްބޯޅައަކީ ވަރަށް ވާދަވެރި ގޭމެއް. މަސައްކަތްކޮށްފިއްޔާ ވަރަށް ބޮޑެތި ކާމިޔާބުވެސް ލިބޭއެއްޗެއް ފުޓްބޯޅައަކީ. މީގައި ހަމައެކަނި މޮޅުވާނީ އެންމެ ގިނަ ކުޅުންތެރިން ތިބެފައި، އެންމެ ގިނަ ފައިސާ ހަރަދުކުރާ ޓީމްއެއް ނޫން. އެއީ މޮޅުވުމުގެ އެއްބައި. ނަމަވެސް ޓީމްއެއްގެ ގޮތުގައި ކުޅެފިނަމަ، މިސީޒަންގައި ޓީސީއަށްވެސް ކާމިޔާބުލިބިދާނެ. ވަރުގަދަ ސްކޮޑެއް އޮންނަ ޓީމަކަށް ވުރެއް ދެގުނަ މަސައްކަތް ޓީސީއިން ކުރަންޖެހޭނެކަންވެސް ގަބޫލް ކުރަން." ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

މިފަހަރު ޓީސީއިން އެންމެ ބޮޑަށް ބޭނުންވަނީ އެންމެ މަދުވެގެން އެއް ތަށި ނެގުންކަމަށް ޓީސީގެ ކޯޗް ޝާޒްލީ ބުންޏެވެ.